ޚަބަރު

ޞުމޫދް ފްލޮޓިއްލާއިން ވަގަށްނެގި 87 މީހުން ހައިހޫނުކަމުގެ ހަޅުތާލެއްގައި


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) އުޅަނދުތަކަށް އަރައި، ވަގަށް ނަގައިގެން ގެންދިޔަ 87 މީހުން ހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމަށް އެ ދަތުރު އިންތިޒާމްކުރި ފަރާތުން ބުނެފިއެވެ.

ޞުމޫދް ފްލޮޓިއްލާގައި ހިމެނޭ 54 އުޅަނދު ޣައްޒާގެ މިސްރާބަށް ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ޙަމަލާދީ، ހިފަހައްޓާފައި ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ.

ޖީއެސްއެފުން މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ، ޔަހޫދީން ވަގަށް ނަގާފައިވާ މީހުން ހަޅުތާލުކުރަމުންދަނީ، އެ މީހުންގެ އަމިއްލަ ޙައްޤުތަކުގެ އިތުރުން، ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 9،500އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ.

ތުރުކީވިލާތުން ދަތުރުފެށި، 50އަށް ވުރެ ގިނަ އުޅަނދުތައް ހުއްޓުވައި، ޔަހޫދީން ސިފައިން ޙަމަލާދިނީ ސައިޕްރަސްގެ ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ.

އެ އުޅަނދުތަކުގައި 400އަށް ވުރެ ގިނަ މީހުން ދަތުރުކުރިއިރު، އެ ހުރިހާ މީހުން ޔަހޫދީންގެ އަސްކަރީ ބޯޓުތަކުގައި ވަނީ ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ގެންގޮސްފައެވެ.

ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަކުން ވަނީ ޔަހޫދީންގެ މި ކަނޑުފޭރުމުގެ ޢަމަލު ކުށްވެރިކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އދން ވެސް ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާމެދު "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަން ހާމަކޮށްފައެވެ. މި ގޮތުން، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރުމަށް ޔަހޫދީންނަށް ގޮވައިލައްވަމުން އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ގޮވައިލައްވާފައެވެ.