ޚަބަރު

ޓްރަމްޕަށް ލިބިދޭ ހަނގުރާމައިގެ ބާރުތައް ހަނިކުރާ ޤަރާރު ކުރިއަށްގެންދަން ފާސްކޮށްފި


އެމެރިކާގެ ރައީސްއަށް ލިބިދޭ ހަނގުރާމައިގެ ބާރުތައް ހަނިކުރުމާ ގުޅޭ ޤަރާރެއް ކުރިއެރުވުމަށް އެމެރިކާގެ ސެނެޓުން ވޯޓު ދީފިއެވެ.

އެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކޮންގްރެސްއިން ރަސްމީކޮށް ޙުއްދަ ނުދޭނަމަ އީރާނާ ދެކޮޅަށް އަޅަމުންދާ އަސްކަރީ ފިޔަވަޅުތައް ހުއްޓައިލަން ޖެހެއެވެ. އެ ޤަރާރުން ރައީސްއަށް ލިބިވަޑައިގަންނަވާ ހަނގުރާމައާ ގުޅޭ ބާރުތަކަށް ގޮންޖަހައެވެ.

ޤަރާރު ކުރިއެރުވުމަށް ސެނެޓުގައި ވޯޓު ދީފައި ވަނީ 50 މެންބަރުންނެވެ. އަދި ދެކޮޅަށް ވޯޓު ދީފައި ވަނީ 47 މެންބަރުންނެވެ. ޓްރަމްޕްއަށް ވަފާތެރި ރިޕަބްލިކަނުންގެ ތެރެއިން ހަތަރު މެންބަރުން ވެސް ޑިމޮކްރަޓުންނާއެކު ޤަރާރު ކުރިއެރުވުމަށް ވޯޓު ދީފައިވެއެވެ. ރިޕަބްލިކަނުންގެ ތެރެއިން ތިން މެންބަރަކު މަޖިލީހަށް ހާޒިރުވެފައެއް ނުވާއިރު، ޑިކޮމްރަޓުންގެ ތެރެއިން ޤަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ މެންބަރެކެވެ.

ޤަރާރު ކުރިއެރުވުމަށް ސެނެޓުގެ އަޣުލަބިއްޔަތު ލިބުމަކީ ހަނގުރާމައަށް ސިފަައިން ފޮނުވުމުގެ ބާރު ލިބެން ޖެހެނީ ޤައުމުގެ ރައީސްގެ ބަދަލުގައި ކޮންގްރެސްއަށް ކަމަށް ވަކާލާތު ކުރާ މެންބަރުންނަށް ލިބުނު ކާމިޔާބީއެކެވެ. ޤަރާރު ކުރިއެރުވުމަށް އަލި މަގެއް ފެނުނު ނަމަވެސް އެ ޤަރާރާ އެއްގޮތަށް ޢަމަލުކުރުމަށް އަދި ގިނަ މަރުހަލާތަކެއް ކަޑައްތުކުރަން ޖެހެއެވެ.

އެގޮތުން 100 މެންބަރުންގެ މައްޗަށް އެކުލެވޭ ސެނެޓުން ޤަރާރު ފާސްކުރި ނަމަވެސް، ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ވެސް އެ ޤަރާރު ފާސްކުރަން ޖެހެއެވެ. އެ ޤަރާރު ޓްރަމްޕް ބައްލަވައިނުގަންނަވާނެ ކަމަށް ބެލެވިފައިވާއިރު، ޓްރަމްޕް އެ ޤަރާރު ވީޓޯ ކުރުން ހުއްޓުވުމަށް ސެނެޓާއި ހައުސްއާ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ޤަރާރަށް ލިބެން ޖެހެއެވެ.

ސެނެޓަށް އެ ޤަރާރު ހުށަހެޅުއްވި ޑިމޮކްރަޓުންގެ މެންބަރު، ޓިމް ކެއިން ވިދާޅުވީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާއެކު ޓްރަމްޕްގެ ނިންމުންތައް ކޮންގްރެސްގައި ދިފާޢު ކުރުމަށް ޓްރަމްޕްއަށް ރަނގަޅު ފުރުޞަތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓައިލުމަށް އީރާނުން ވެސް އައު ހުށަހެޅުންތަކެއް ހުށަހަޅާފައި އޮވެ، އެ ހުށަހެޅުންތައް ކޮންގްރެސްއާ ޙިއްޞާ ކުރުމެއް ނެތި ޓްރަމްޕް އެއާ ދެކޮޅު ހައްދަވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަނގުރާމަ އަލުން ފެށުމުގެ ކުރިން މި ފަދަ ނިންމުންތައް ނިންމުމުގައި ކޮންގްރެސްގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި މި ޤަރާރާ އެއްގޮތް އެހެން ޤަރާރުތަކެއް ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް ރިޕަބްލިކަނުން ވަނީ އެކި ފަހަރު މަތިން ހުއްޓުވައިފައެވެ. އެ ގޮތުން ސެނެޓުގައި ޤަރާރުތައް ކުރިއެރުވުމަށް ކުރި މަސައްކަތް ހަތް ފަހަރެއްގެ މަތިން ހުއްޓުވާފައިވާއިރު، ހައުސްގައި ވެސް ތިން ޤަރާރެއް ހުއްޓުވާފަައިވެއެވެ.