މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ ހޯދުމަށް އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީ އިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ކަސެމީރޯ ވަނީ އޭނާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވުމާއެކު އޭނާ އެ ކްލަބް ދޫކޮށްލާނެކަމަށް މީގެ ކުރިން ބުނެފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކަސެމީރޯ އާއި އިންޓަރ މަޔާމީ އާއި ދެމެދު މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަޝްވަރާ ތަކެވެ. އަދި މޭޖަރ ލީގުގެ ސެކަންޑަރީ ޓްރާންސްފަރ ވިންޑޯ ކަމުގައިވާ ޖުލައި 13 އިން ސެޕްޓެމްބަރ 2 އާއި ދެމެދު ކަސެމީރޯ އިންޓަރ މަޔާމީ އަށް ސޮއި ކުރާނެކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ކަސެމީރޯ ހޯދުމަށް އިންޓަރ މަޔާމީ އިން މަސައްކަތް ކުރަމުންދާއިރު އޭނާއަށް ޝައުގުވެރިވާކަން މޭޖަރ ލީގުގެ ލޮސް އެންޖެލެސް ގެލެކްސީގެ އިތުރުން ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް އިއްތިހާދުއިންވެސް ވަނީ ހާމަކޮށްފަ އެވެ.
ކަސެމީރޯ ހޯދުމަށް އިންޓަރ މަޔާމީ އިން މަސައްކަތް ކުރަމުންދާއިރު މޭޖަރ ލީގުގެ ގަވާއިދު ބުނާ ޑިސްކަވަރީ ރައިޓްސް އާއިމެދު އިންޓަރ މަޔާމީ އާއި ގެލެކްސީ އިން އެއްބަސްވުމަކަށް އަންނަން ޖެހޭނެ އެވެ. އެއީ އިންޓަރ މަޔާމީ އަށްވުރެ ކުރިން ކަސެމީރޯ އަށް ޝައުގުވެރިވެ އޭނާ ހޯދަން މަސައްކަތް ކޮށްފައިވަނީ ގެލެކްސީ އިންނެވެ.
އަންނަ މަހު 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުގައި ކާލޯ އެންޗެލޮއްޓީ ވަނީ ކަސެމީރޯ ހިމަނާފަ އެވެ.