ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) ބައިވެރިން ރަހީނުކޮށް، އަތްފައި ބަނދެފައި ތިއްބައި، ޔަހޫދީ ދައުލަތުގެ ޤައުމީ ސަލާމަތާ ބެހޭ ހައްދުފަހަނައެޅި ވަޒީރު އިތަމާރް ބެން-ގްވީރް އެ މީހުންނަށް ފުރައްސާރަކުރާ ވީޑިއޯއެއް ޢާންމުކުރުމުން ގިނަ ޤައުމުތަކެއްގެ ފާޑުކިޔުމާއި، ނުރުހުން އަމާޒުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އިޓަލީވިލާތް، ފަރަންސޭސިވިލާތް، ނެދަލެންޑްސް އަދި ކެނެޑާއިން ވަނީ އެ ޤައުމުތަކުގައި ތިބޭ ޔަހޫދީ ސަފީރުން ހާޒިރުކޮށް، އިންސާނީ ކަރާމާތް ފުނޑުފުނޑުވާ ފަދަ އެ އިހާނެތި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީއާއި ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޜޯން-ނޮއޭލް ބަޣޫ ވަނީ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވެ، ރަހީނުކޮށްފައި ތިބި އެ ޤައުމުތަކުގެ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށް ގޮވައިލައްވާފައެވެ. ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދު އަދި ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ޓޮމް ބޭރަންސަން ވެސް ވަނީ މިއީ އިންސާނީ ކަރާމާތާ ޚިލާފު ޖަރީމާއެއް ކަމުގައި ސިފަކުރައްވައި، މިއީ ކުއްލި ފިޔަވަޅު އަޅަންޖެހޭ ފަދަ ސީރިއަސް މައްސަލައެއް ކަން ހާމަކުރައްވާފައެވެ.
ދެކުނު ކޮރެޔާގެ ރައީސް ލީ ޖޭ މްޔަންގް ސިފަކުރައްވާފައި ވަނީ މިއީ ޤާނޫނީ އަސާސްތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައެވެ. އަދި، ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއެލް އަލްބަރޭސް ވަނީ މިއީ "ޖައްބާރު" އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، ޕޯޗުގަލް، އަޔަލެންޑް، ޖަރުމަނުވިލާތް، ޤަޠަރު، ތުރުކީވިލާތް، އިނގިރޭސިވިލާތް ހިމެނޭހެން 20 އަށްވުރެ ގިނަ ޤައުމުން ވަނީ ބެން-ގްވީރްގެ ލާއިންސާނީ އަމަލު ކުށްވެރިކޮށްފައެވެ. ޔަހޫދީންގެ ދައުލަތަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވިދާޅުވީ ޔަހޫދީ ދައުލަތުގެ އަބުރަށް ބެން-ގްރީވް އަރައިގަނެފައިވާ ކަމުގައެވެ.
ޞުމޫދް ފްލޮޓިއްލާ އިންތިޒާމުކުރި ފަރާތްތަކުން ބުނީ، ސައިޕްރަސް ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ޔަހޫދީ ފައުޖުތަކުން ބޯޓުތަކަށް އަރައިގަނެ، ރަބަރު ވަޒަން ބޭނުންކޮށްގެން ބައިވެރިންނަށް ޙަމަލާދީ، ބޯޓުތަކުގައި ތިބި އެކްޓިވިސްޓުން ރަހީނުކުރުމަކީ ޣައިރުޤާނޫނީ ކުށެއް ކަމުގައެވެ. ޔަހޫދީ ސިފައިން ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި ތުރުކީވިލާތުގެ މާރްމަރިސްއިން ފުރި 50 އަށްވުރެ ގިނަ އުޅަނދުގެ ތެރެއިން އެންމެ ފަހު ބޯޓު "ލީނާ އަލް-ނާބުުލްސީ" އިން ރަހީނުކުރި ހަ މީހުންވެސް ހިމެނެއެވެ. އެ އުޅަނދުތަކުގައި ތިބި 430 އެއްހާ އެކްޓިވިސްޓުން ރަހީނުކޮށްފައިވާނެ ކަން ޔަހޫދީ ދައުލަތުގެ ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރަހީނުކޮށްފައި ތިބި މީހުންގެ ތެރޭގައި އިންޑޮނޭޝިޔާގެ ނުވަ ރައްޔިތަކާއި، އަޔަލެންޑްގެ ރައީސްގެ ދައްތާފުޅު ޑޮކްޓަރ މާގްރެޓް ކޮނޮލީއާއެކު އެ ޤައުމުގެ 15 އެއްހާ ރައްޔިތުން ހިމެނެއެވެ. ދިވެހިރާއްޖެ، ތުރުކީވިލާތް، ސްޕެއިން، އުރުދުން، ޕާކިސްތާން، ބަންގްލަދޭޝް، ބްރެޒިލް، އިންޑޮނޭޝިޔާ، ކޮލަމްބިޔާ އަދި ލީބިޔާއިން ވަނީ ޔަހޫދީންގެ މި އަމަލަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.