އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ކުރިމަގާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަަލްޑް ޓްރަމްޕާއި ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ދެމެދު ޚިޔާލުތަފާތުވުން ބޮޑުވެ، އަރައިރުންވެފައިވާ ކަން ހާމަވެއްޖެއެވެ. މި އަރައިރުންވުން ހިނގާފައި ވަނީ މެއި 19 ވަނަ ދުވަހު ޓްރަމްޕް ނަތަންޔާހޫއަށް ފޯނުން ގުޅުއްވުމުންނެވެ. ޞަހްޔޫނީން ރުއްސުމަށް އެ މީހުންނާ ގުޅިގެން ފެބުރުވަރީ 28 ގައި ޓްރަމްޕް ފެށްޓެވި ހަނގުރާމަ، އެޕްރީލު 8 ވަނަ ދުވަހު ވަނީ ވަގުތީ ގޮތުން މެދުކަނޑައިލައްވާފައެވެ.
ޙަމަލާތައް އަލުން ފެށުމަށް ދާދިފަހުން ނިންމެވި ނަމަވެސް، ގަލްފުގެ ބައިވެރިން ކަމުގައިވާ ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އެދުމުގެ މަތިން އެ ނިންމުން ފަސްކުރައްވާފައިވާ ކަން ޓްރަމްޕް ވަނީ އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، މި ނިންމެވުމާމެދު ނަތަންޔާހޫ ނުރުހުން ފާޅުކޮށް، ރާވާފައިވާ ގޮތަށް އަލުން ޙަމަލާތައް ފެށުމަށް އޭނާ ދަނީ ޓްރަމްޕަށް ބާރުއަޅަމުންނެވެ.
ވޮޝިންގޓަނާއި އިސްލާމްއާބާދާ ގުޅިގެން ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީން ދަނީ ސުލްޙައިގެ މަޝްވަރާތައް މެދުކެނޑުނަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި، ސުލްޙައިގެ އެއްބަސްވުމެއް އެކުވައިލެއްވުމަށް ބޭނުންވާ ކަމުގައި ޓްރަމްޕް ވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް، ނަތަންޔާހޫ ދެކޭ ގޮތުގައި އިރާނާއެކު އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަޝްވަރާތައް ލަސްވުމަކީ ތެހްރާނަށް ލިބޭ ފައިދާއެކެވެ. އަދި، އެ ހަމަސް ހުރަސްއެޅުމުގެ ގޮތުން އީރާނަށް އަލުން ޙަމަލާ ދޭން ފެށުމަށް ގޮވައިލައި އޭނާ ގެންދަނީ ޓްރަމްޕަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
އިސްލާމްއާބާދުން މެދުވެރިވެގެން ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އަދިވެސް ދަނީ މެސެޖުތައް ބަދަލުކުރަމުންނެވެ. އީރާންގެ ޚާރިޖީ ވުޒާރާއިން ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ. މަޝްވަރާތަކުގައި އަދިވެސް ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާއި، ހުޅަނގުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާންގެ މުދަލާއި ފައިސާގެ މައްސަލަ ހިމެނެއެވެ. މި މައްސަލަތައް ޙައްލުކުރުމަށް ޚާރިޖީ މަޝްވަރާތައް އިސްކުރުމަށް ޓްރަމްޕް އިސްކަންދެއްވާ ކަމުގައި އެމެރިކާގެ މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، ވާހަކަތަކުގައި ވައިޓް ހައުސުން ބޭނުންވާ ކަންކަމަށް ތެހްރާނުން އެއްބަސްނުވެއްޖެ ނަމަ، ޙަމަލާތައް އަލުން ފެށުމުގެ އިޚުތިޔާރު ޓްރަމްޕަށް އޮތް ކަމުގައި އެ ފަރާތްތަކުން ބުންޏެވެ.
ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އަރައިރުންވި ފޯން ކޯލާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުންވާ ކޮންމެ ގޮތަކަށް ނަތަންޔާހޫ އަމަލުކުރާނެ ކަމުގައެވެ. ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ އެކު މައްސަލަ އިތުރަށް ނުތަނަވަސްވެގެން ދިޔުމުގެ ފުރުޞަތު ބޮޑެވެ. އެއް ސަބަބަކީ، ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށްޓަވާފައި ވަނީ ވެސް ޞަހްޔޫނީންގެ ފިއްތުންތަކާ ގުޅިގެން އެ މީހުން ރުއްސެވުމުގެ ގޮތުން ކަމުގައިވުމެވެ.