ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކުރެވޭކަމަށާއި އަންނަ އަހަރުވެސް އިތުރު މަޝްރޫޢުތައް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުން ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ ބޮޑު އަސާސީ ޙައްޤުކަން ފާހަގަކުރައްވާ މި ޙައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް އެކި ކުންފުނިތަކާ ހަވާލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ބީއެމްއެލްގެ ފައިނޭންސްގެ ދަށުން 13 ރަށެއްގައި 900 އެއްހާ ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެޗްޑީސީއާ ހަވާލުކޮށްގެންވެސް ބޮޑެތި ރަށްރަށުގައި ހައުސިންގެ މަޝްރޫޢުތައް ކުރިއަށްގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މި ސަރަހައްދުގައި 4000 އާ ހަމައަށް ފްލެޓް އެޅުމަށް ކުންފުނިތަކާ ހަވާލުކުރައްވާފައިވާކަމަށެވެ. އަދި "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން 2000 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާންކުރުމުން އެޔަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުންވެސް މިއަހަރު ތެރޭގައި އިތުރު މަޝްރޫޢުތައް މާލެ ސަރަޙައްދުގައި ފެންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކުރެވޭކަމަށާއި އަންނަ އަހަރުވެސް އިތުރު މަޝްރޫޢުތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިންޑިއާގެ އެލްއޯސީގެ ތެރެއިން 4000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވޭ. އެކަން އަަވަސް ކުރުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާ ދަނީ ކުރަމުން. ޗައިނާ ސަރުކާރުން 500 ހައުސިން ޔުނިޓް އެޅުމަށް ހަމަޖައްސާފައިވޭ. އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ އިތުރުން ހައުސިން ލޯންވެސް ދޫކުރަމުންދާކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުވެސް ލޯނު ދޫކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރު ހަވާލުވުމަށްފަހު އެންމެ ފުރަތަމަ އިސްކަންދިނީ ކުރީ ސަރުކާރުން ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނިންމުމަށްކަމަށެވެ. އެގޮތުން ގޯތިތައް ދޫކުރުމުގެ މަސައްކަތްތަކާއި 4000 ފްލެޓްގެ މަސައްކަތް ނިންމާ އެތަންތަނުގެ ޙައްޤުވެރިންނަށް ހަވާލުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ ސަރުކާރުން ނުހިއްކާ އޮތް ތަންތަނުން ގޯތި ދޫކޮށްފައި އޮތްނަމަވެސް މި ސަރުކާރުން ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހުކަން ރައީސް ތަކުރާރު ކުރެއްވިއެވެ.