ޚަބަރު

ސިޓީތަކާއި ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަށް ބޮޑު ބަދަލެއް


  • ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 33،000ރ.

  • ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް، އިންތިޚާބު ކުރެވެއެވެ. 5 އަހަރުގެ ދައުރަކަށް މި ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަނީ ރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން މުުތަމަޢުއާ އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ. އެހެންނަމަވެސް އެ ފަރާއްތަކުގެ މުސާރަ ކުޑަވުމަކީ އޮތް ކަންބޮޑުވުމެއްއެވެ.

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ކުރިން ލިބެނީ މަހަކު 7،000ރ. އެވެ. އަދި ނައިބު ރައީސުންނަށް 6،500ރ. ލިބޭއިރު މެމްބަރުންނަށް ލިބެނީ 6،000ރ. އެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،500ރ. އަދި މެމްބަރުންނަށް 5،000ރ. މަހަކު ލިބެއެވެ.

އެހެންނަމަވެސް އަންހެނުންގެ ކޮމެޓީގެ ރައީސުން ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމާއެކު ކޮމެޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު މުސާރަތަކަށް މިވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް އެލަވެންސާއެކު، މަހަކު 33،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށް ވަނީ ނިންމާފައެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000ރ. އަށް ބޮޑު ކޮށްފައިވާއިރު ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 6،000ރ. އަށް ވަނީ ބޮޑުކޮށްފައެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 5000ރ އިން 6000ރއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 4000ރ އިން 5000ރއަށް ވަނީ ބޮޑުކޮށްފައެެވެ.

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ މުސާރައަށް ގެނައި ބަދަލާގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯގެ މުޙައްމަދު ނިމާލް ވިދާޅުވީ ކައުންސިލްތަކުގެ މިފެށުނު 5 ވަނަ ދައުރާއެކު، މަޤާމާއި ހަވާލުވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައަށް ގެނެވުނީ ތާރީޚީ ބަދަލެއްކަމަށެވެ. ނިމާލް ވިދާޅުވީ މިއީ އެކަނބަލުންގެ މަސައްކަތުގެ އަގުވަޒަން ކުރާކަމުގެ ހެޔޮ ފާލެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދު ހަޤީގަތަކަށް ހައްދަވައިދެއްވައި ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފެއްޓެވުމާއި، ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑު ކޮށްދެވުމަކީ އެފަރާތްތަކަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެކަމަށް އެލްޖީއޭގެ ސީއީއޯގެ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން މުހިންމު ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ %5ދެގުނަ ބޮޑުކޮށް، %10 އަށް ވަނީ ބަދަލުކޮށްފައެވެ. އަނެއް ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުން ދޭ އެއްޗެއްގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާ އެލަވަންސަކަށް ވަނީ ހަދާފައެވެ.

މި ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.