އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އާސެނަލްގެ ޒުވާން މިޑްފީލްޑަރ, މެކްސް ޑައުމެން އަންގާރަ ދުވަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމުގެ އުފާފާޅުކުރިއިރު ބުރާސްފަތި ދުވަހު އޮތީ އޭނާގެ ޖީސީއެސްއީ އިމްތިހާން އެވެ.
އާސެނަލް އިން 22 އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބުކުރިއިރު އުމުރުން އެންމެ 16 އަހަރުގެ ޑައުމެން ވަނީ މި ސީޒަނުގައި އާސެނަލް އަށް 12 މެޗުގައި ކުޅެފަ އެވެ. އަދި އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ދިގު ތާރީޚުގައިވެސް ލީގު ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށްވެފަ އެވެ.
އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް އާސެނަލް ކުޅޭނެ އެވެ. އަދި އޭގެ ފަހުން މެއި މަހުގެ 30 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް އާސެނަލް ކުޅޭނެ އެވެ.
އޯލެވެލް އިމްތާހާނާއި ގުޅިގެން އާސެނަލް ލީގުގައި ކުޅޭ ފަހު މެޗުގައި ޑައުމެން އަށް ނުކުޅެވޭނެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޑައުމެން އާއި ގުޅޭ ގޮތުން މީގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނެފައިވަނީ އެ އުމުރުގައި އޭނާގެ ފަރާތުން ފެންނަ ކުޅުމަށް ބަލާއިރު އެއީ މުސްތަގުބަލް ވަރަށް އުޖާލާ ކުޅުންތެރިއެއް ކަމަށެވެ.