ޚަބަރު

ޝަކުވާ ހުށަހެޅުމަށް ޚާއްޞަ އޮފީސް ޖުލައި 26ގެ ކުރިން ހުޅުވަނީ


  • 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކުރާނެ

  • އެތަން ހިނގުމަށް ބޭފުޅަކު މިހާރުވަނީ އައްޔަނުކޮށްފައި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް 24 ގަޑިއިރު ހުށައެޅޭ އޮފީސް ނުވަތަ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޖަވާބު ދާރީކުރުން ރަނގަޅުކުރުމުގައި މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވުޒާރާތަކުގެ ފްރޮންޓު އޮފީސް ނުވަތަ ކައުންޓަރުން ދޭ ޙިދުމަތް ރަނގަޅު ކުރުމާއި ފޯނަށް ޖަވާބު ދިނުމުގެ ކަންކަންވެސް ވަރަށް އިސްކަމެއްދީގެން ދަނީ މަސައްކަތް ކުރެވެމުންނެއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި ސިޓިޒަންސް ބިއުރޯއަކީ މިކަމަށް އެންމެ މުހިންމު ހައްލުކަމަށް ވިދާޅުވިއެވެ. އެގޮތުން އެތަނުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު އެތަން ހިނގުމަށް ބޭފުޅަކު އައްޔަންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"މުޅި ސަރުކާރުގެ ތެރޭގައި ހުރި ޝަކުވާތައް 24 ގަޑިއިރު އެޓެންޑުވާނެ ހާއްސަ އޮފީސްއެއް ރައީސް އޮފީހުގައި މި ހަދަނީ. އެ އޮފީސް ޤައިމްކުރުމުގެ އިދާރީ ހުރިހާކަމެއް ވަރަށް ބާރައް އެެބަ ކުރިއަށްދޭ. އެތަން ހެޑްކުރާނެ ވަރަށް އެފިޝިއެންޓު ބޭފުޅެއް އަޅުގަނޑު އައްޔަންކޮށްފިން. މަސައްކަތް މިކުރަނީ މި އޮފީސް ހުޅުވާލެވޭނެކަަމށް ޖުލައި 26ގެ ކުރިންއަށް" ރައީސް ވިދާޅުވިއެވެ.

މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ، ރައްޔިތުން ހުށައަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ ސިސްޓަމެއް ހަމަޖައްސައި، ޝަކުވާތަކާއި ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދައި އެ ޝަކުވާތަކަށް ޖަވާބުދިނުންމެވެ.. ރައްޔިތުންގެ ޝަކުވާތައް ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހުށައެޅޭނެއެވެ.

ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށައެޅޭ ޝަކުވާތައް މެނޭޖްކޮށް، އެ ޝަކުވާތަކަށް ޖަވާބުދިނުމަށް ސަރުކާރުގެ އިދާރާތަކުގައި ސިޓިޒަންސް ކޮންޕްލަޔަންސް ބިއުރޯގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާ ގޮތަށް ހަމަޖައްސައި، ސަރުކާރުގެ ހުރިހައި އިދާރާތަކަށް ހުށައެޅޭ ޝަކުވާތައް ވަން ސިންގަލް ކޮންޕްލަޔަންސް މެނޭޖްމަންޓް މެކޭނިޒަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. އަދި ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށައެޅޭ ޝަކުވާތަކާއިމެދު އިދާރާތަކުން ޖަވާބު ދެމުންދާ ގޮތް މޮނިޓަރކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވާ ބިއުރޯއެއްގެ ގޮތުގައި ސިޓިޒަންސް ކޮންޕްލަޔަންސް ބިއުރޯ ހަރަކާތްތެރިވާނެކަމަށް ވިދާޅުވިއެވެ.