ޚަބަރު

ހަނގުރާމައިގެ ހާލަތާއެކު އާމްދަނީއަށް %12ގެ ކުރިއެރުމެއް


  • މިއަހަރު މިހާތަނަށް 16.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

  • ދައުލަތުގެ ބަޖެޓު މިހާތަނަށް 118 މިލިޔަން ރުފިޔާ އަރަނިވެފައިވޭ

ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ގާތްގަނޑަކަށް 17 ބިލިޔަން ރުފިޔާ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ.

މާލީ ވުޒާރާއިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއާއި ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުގެ އަދަދުތަކުން ބަޖެޓު އަރަނި ކަމަށް ދައްކައެވެ. ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިޔަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.9 ބިލިޔަން ރުފިޔާ ނުވަތަ 17.1 އިންސައްތަ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 637.6 މިލިޔަން ރުފިޔާ ނުވަތަ 31.3 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުގެ ޖުމްލަ މި މުއްދަތުގައި ހުރީ 16.7 ބިލިޔަން ރުފިޔާގައެވެ. ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 13.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއީ 3.1 ބިލިޔަން ރުފިޔާ ނުވަތަ 22.4 އިންސައްތައިގެ އިތުރުވުމެއް ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 2.6 ބިލިޔަން ރުފިޔާ ނުވަތަ 21.6 އިންސައްތައިން އިތުރުވެ 14.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 441.9 މިލިޔަން ރުފިޔާ ނުވަތަ 28.8 އިންސައްތައިން އިތުރުވެ 2.0 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، ކުރެވުނު ޖުމްލަ ޚަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 118.2 މިލިޔަން ރުފިޔާގެ ސާޕްލަސްއެއް ނުވަތަ އަރަނިކަމަށް ރެކޯޑްކުރެވިފައިވެއެވެ.

ޚަރަދުތަކަށް ބަލާއިރު، ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މި ޚަރަދުތަކަށް 2.1 ބިލިޔަން ރުފިޔާ ހިނގާފައިވެއެވެ.

މިމުއްދަތުގައި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 2.3 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 1.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 993.1 މިލިޔަން ރުފިޔާ ނުވަތަ 77.8 އިންސައްތައިގެ އިތުރުވުމެކެވެ. ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުންކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.