ކުޅިވަރު

ނޭމާ ހުރީ އަނިޔާގައި، ޕެނަމާ އާއި މިސުރާ ދެކޮޅަށް ވެސް ނުކުޅެވިދާނެ


އަނިޔާގެ ސަބަބުން ނޭމާ ޖޫނިއާ އަށް ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލް ކުޅޭ އެންމެ ފަހު ދެ މެޗުގައި ވެސް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ޓީމަށް ނެގީ ވެސް މުޅިން ފިޓްނުވެ ހުއްޓަ އެވެ. ނަމަވެސް މި މަހުގެ 31 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށް އަދި އަންނަ މަހުގެ 6 ވަނަ ދުވަހު މިސުރާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ވަނީ ކަށަވަރުވެފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމުން ބުނީ ޕެނަމާ މެޗަށް ނޭމާ ފިޓްނުވާނެ ކަމަށެވެ.

ނަމަވެސް މި ކަމުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނީ އޭނާގެ ކުލަބު ސަންޓޯސްއިން މި މަހުގެ 26 ވަނަ ދުވަހަށް ނޭމާ ފިޓްވާނެ ކަމަށް ބުނެފައިވާތީ އެވެ. މިހެންވެ ސަންޓޯސް އާއި ބްރެޒިލްގެ ގައުމީ ޓީމުން ނިންމާފައިވަނީ މި ކަމާމެދު އަންނަ ބުދަ ދުވަހު ގޮތެއް ނިންމުމަށެވެ.

ބައެއް ފަރާތަތަކުން ދެކޭ ގޮތުގައި ނޭމާގެ އަނިޔާގެ މައްސަލަ ބޮޑުވާނަމަ އޭނާ ވޯލްޑް ކަޕް ސްކޮޑުން އުނި ކުރުމަކީ ފުރުސަތު ބޮޑު ކަމެއް ކަމަށެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ކުރިން ވެސް ބުނަމުންދިޔައީ ވޯލްޑް ކަޕަށް ގެންދާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށެވެ. މިހެންވެ މުޅިން ފިޓްކޮށް ހުރި ޔާއޯ ޕެޑްރޯ ނުނެގި މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

2023 ވަނަ އަހަރުން ފެށިގެން އަނިޔާގެ ސަބަބުން ގައުމީ ޓީމަށް ނުކުޅެވި ހުރި ނޭމާ ވޯލްޑް ކަޕަށް ގެންދަން އަންޗެލޯޓީ ނިންމީ ގިނަ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. މި ގޮތުން ފުރަތަމަ 11 އަށް ނޭރިޔަސް މައްސަލަ ނުޖެއްސުމަށާއި ކެޕްޓަން ކަމަށް ޑިމާންޑް ނުކުރުމާއި ބްރެޒިލްގެ ކޭމްޕް ތެރޭގައި އަމަލު ކުރަން ޖެހޭ އަހުލާގީ އެންމެހާ ކަންކަމަށް އިހްތިރާމް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.