ޚަބަރު

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިސް ވެރިޔާ އިސްތިއުފާދީފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޖާސޫސީ އިދާރާގެ އެންމެ އިސްވެރިޔާ ޓަލްސީ ގެބަރޑް އިސްތިޢުފާ ދެއްވައި، ސިޓީ ހުށަހަޅުއްވައިފިއެވެ.

މީސްމީޑިޔާގައި އާންމުކުރައްވާފައިވާ އިސްތިއުފާ ސިޓީގައި، ގެބަރޑް ވަނީ ފާއިތުވި 18 މަސް ދުވަހު، އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް އިދާރާގެ ޑިރެކްޓަރުގެ މަޤާމުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފައެވެ.

އެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވީ، ފިރިކަލުން، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަންޖެހިވަޑައިގަންނަވާތީ އެކަމަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށް ގެބަރޑް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ވަނީ ގެބަރޑްގެ އިސްތިއުފާ ޤަބޫލުކުރައްވައި، އޭނާ ކޮށްދެއްވި ފުރިހަމަ ޚިދުމަތަށް ޝުކުރު ދަންނަވައިފައެވެ.

އަދި އެ މަޤާމަށް އިތުރު ބޭފުޅަކު ޢައްޔަނުކުރެވެންދެން، އެ މަސްޢޫލިއްޔަތުތައް އަދާކުރައްވަނީ އެ އިދާރާގެ ދެވަނައަށް އެންމެ އިސްވެރިޔާ އެރޮން ލޫކާސްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ މެމްބަރެއްގެ ގޮތުގައި 8އަހަރު ގެބަރޑް ޚިދުމަތް ކުރެއްވީ އިދިކޮޅު ޑިމޮކްރެޓެއްގެ މެމްބަރެއްގެ ގޮތުގައެވެ.

ނަމަވެސް، 2020ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީން ވަކިވެވަޑައިގެން، އޭނާ ވަނީ ޓްރަމްޕަށް ތާޢީދުކުރައްވައިފައެވެ.

އެކަމުގެ ފަހަތުގައި އޮތީ، ބޭރުގެ އެކި ޤައުމުތަކުން ކުރާ ހަނގުރާމަތަކުގައި އެމެރިކާ ސިފައިން ބައިވެރިކުރުން ހުއްޓުވާނެކަމަށް އޭރު ޓްރަމްޕް ވެވަޑައިގެންނެވި ވައުދަށް ކުރެއްވި ތާއީދުކަމަށް ގެބަރޑް ވިދާޅުވެފައިވެއެވެ.

ނަމަވެސް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރަން، އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އެރުމާއި، ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ގެބަރޑްގެ ހިތްހަމަނުޖެހުން ބޮޑުވެ، އިސްތިއުފާ ދެއްވުމާ ހަމައަށް ބާކީކޮށްފައި ހުންނެވިކަމަށް ރިޕޯޓުތައް ބުނެއެވެ.