ޚަބަރު

ހަނގުރާމައާ ގުޅިގެން 27 ޤައުމަކުން ވަރލްޑް ބޭންކުން މާލީ އެހީ ހޯދަނީ


މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުގެ ތެރޭގައި، ވަރލްޑް ބޭންކުން ހިންގާ އެކި ޕްރޮގްރާމްތަކުގެ ތެރެއިން މާލީ އެހީ ހޯދުމަށް 27 ޤައުމަކުން ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ.

ވަރލްޑް ބޭންކުން އާންމުކޮށްފައިވާ ކަރުދާހުގައި އެ ޤައުމުތަކުގެ ތަފްޞީލެއް ނުވަތަ ހޯދަން މަސައްކަތް ކުރާ މާލީ އެހީގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ކަރުދާހުގައި ހިމަނާފައިވާ މަޢުލޫމާތުތައް ދައްކާ ގޮތުގައި، މިދިޔަ ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ތަފާތު ތިން ޤައުމަކުން މިހާރު ވަނީ މާލީ އެހީ ހޯދުމަށް ބޭނުންވާ މަރުޙަލާތައް ފުރިހަމަކޮށްފައެވެ.

އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

އެއާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

ކެންޔާ އާއި އިރާޤުން މީގެ ކުރިން ވަނީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމުން އަރައިގަތުމަށް ވަރލްޑް ބޭންކުގެ މާލީ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.

ވަރލްޑް ބޭންކުގެ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ކާރިޘާގެ ޙާލަތެއްގައި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު 101 ޤައުމަކަށް ލިބިފައިވާކަމަށް ވަރލްޑް ބޭންކުން ހާމަކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައެވެ. މި 27 ޤައުމު ވެސް ހިމެނެނީ އެ 101 ޤައުމުތަކުގެ ތެރޭގައެވެ.

ވަރލްޑް ބޭންކުން މީގެކުރިން ބުނެފައިވާ ގޮތުގައި، ކާރިޘާއެއްގެ ޙާލަތުގައި އެ ޤައުމުތަކަށް 20 ބިލިއަނާއި 25 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ހޯދުމުގެ ޖާގަ އެއްބައޮތް ކަމަށެވެ.

އަދި މިހާރު ޙުއްދަ ލިބިފައިވާ ޕްރޮގްރާމްތަކަށް ގެނެވޭ ބަދަލުތަކުން އެ އަދަދު 100 ބިލިއަނާ ހަމައަށް އިތުރުކުރުމުގެ ޖާގަ ލިބޭކަމަށް ވެސް ވަރލްޑް ބޭންކުން ބުނެފައިވެއެވެ.

މި އިޤްތިޞާދީ ދަތިކަމުގެ ތެރޭގައި، 12 އެއްހާ ޤައުމުން މާލީ އެހީ ހޯދަން އެދޭނެކަމަށް އައިއެމްއެފުން ވެސް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް، އަދި މިހާތަނަށް އެއްވެސް ޤައުމަކުން ރަސްމީކޮށް މާލީ އެހީއަށް އެދިފައިނުވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.