މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ފެށެން ކުޑަތަންވެފައިވާއިރު، މައްކާއާއި މިނާ އަދި އަރަފާތުގެ ހޫނުމިން މިވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.
އެގޮތުން މިހާރުވެސް މައްކާގެ ހޫނުމިން ހުރީ 44 ޑިގްރީ ސެލްސިއަސްގައެވެ. އަދި ޙައްޖުގެ މަޝާއިރުގެ ދުވަސްތަކުގައި 45 ޑިގްރީއަށް މަތިވެދާނެކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން އަންދާޒާކުރެއެވެ.
މި ދުވަސްވަރު މައްކާއަށް ވަރަށް ވައިގަދަކަންވެސް ފާހަގަކުރެވެއެވެ. ގާތްގަނޑަކަށް ގަޑިއަކު 23 މޭލު ބާރުމިނުގައި ވައިޖެހެއެވެ. ނަމަވެސް، ޖައްވުގެ ހޫނުކަމާއެކު، ވައިގަވެސް އެ ހޫނުކަން ވަނީ ވަރަށް ބޮޑަށް ހިފާފައެވެ. އެހެންކަމުން އިހުސާސުކުރެވޭ ހޫނުމިން ވަނީ މަތިވެފައެވެ. އަދި ގަދައަށް ވައި ޖެހޭއިރު، ހިރަފުހުގެ އަސަރުވެސް ޖައްވުގައި ހުންނާނެކަމަށް މޫސުމާބެހޭ އިދާރާއިން ފާހަގަކުރެއެވެ.
ރޭގަނޑު އާއްމުގޮތެއްގައި ފިނިހޫނުމިން ހުންނަނީ 32 ޑިގްރީގައެވެ.
ދުވާލު އެންމެ ބޮޑަށް ހޫނުގަދަވަނީ ހެނދުނު 10އިން ފެށިގެން ހަވީރު 04:00އާއި ދެމެދުގައެވެ.
މި ގަޑިތަކުގައި ބޭރަށް ނިކުތުން ވީހާވެސް މަދުކުރުމަށް ސައުދީގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީން ދަނީ ވަރަށް ބޮޑަށް އިލްތިމާސްކުރަމުންނެވެ.
އަދި މަޝާއިރުގެ ބިންތަކުގައި އިތުރަށް ހޫނުގަދަވާނެއެވެ. ފަހުގެ ތާރީޚެއްގައި އެންމެ ރެކޯޑް މިންވަރަކަށް ހޫނުގަދަވީ 2024ވަނަ އަހަރުއެވެ. އެ އަހަރު 51 ޑިގްރީ ސެލްސިއަސްއިން މައްޗަށް އެރިއެވެ. އަދި ހޫނުގެ ސަބަބުން 1000އަށްވުރެ ގިނަ ޙާޖީން ނިޔާވިއެވެ.
ހޫނުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގެ ގޮތުގައި، ގިނަގިނައިން ފެން ބުއިމާއި ދިޔާ ތަކެތި ބޭނުންކުރުން މިހިމެވެ. އަދި ކުލަ އަލި ކުޑައެއްބޭނުން ކުރެވޭނެއެވެ. މީގެ އިތުރުން އިޙުރާމުގައި ނުހުންނަ ވަގުތު ތޮފިވެސް އެޅޭނެއެވެ.
ގަދަ ހޫނުން ހަށިގަނޑު ރައްކާތެރިކުރުމަށް ސަން ކްރީންއެއް ބޭނުންކުރުންވެސް މުހިންމެވެ.
ސައުދީ ޢަރަބިއްޔާ އިން ވަނީ މިއަހަރުގެ ޙައްޖަށް ޚާއްޞަކޮށް ޙައްޖުގެ ތާރީޚުގައި ވެސް ބިނާކުރި އެންމެ ބޮޑު ފިނިކުރުމާއި ހިޔާކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްފައެވެ. އެގޮތުން އަރަފާތުގެ ފިނިކުރާ ވަސީލަތްތައް ޤާއިމުކޮށްފަވާ ސަރަޙައްދު، 5 ގުނަ ވަނީ ބޮޑުކޮށްފައެވެ. އެއީ 270 ހާހަށްވުރެ ބޮޑު ސަރަޙައްދެކެވެ. ޢަރަފާތު ފަރުބަދައިގައި އެކަނި ވެސް 18 ހިޔާގަނޑާއި 36 ފެން ވިއްސާ ފަންކާ(މިސްޓިންގފޭން )، އަދި 107 ފެން ވިއްސާ ފަންކާ ތަނބު ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން މިނާ، ޢަރަފާތް އަދި ޙަރަމްފުޅު ވަށައިގެން 400 އަށް ވުރެ ގިނަ ކޫލިންގ ސްޓޭޝަނާއި، ބިންމަތީގެ ފިނިހޫނުމިން 20 ޑިގްރީ ދަށް ކުރާ ހުދު ކުލައިގެ ހީޓް-ރިފްލެކްޓިވް މަގުތައް ވަނީ ހަދާފައެވެ.
އަންނަ އަހަރުން ފަށައިގެން، ޙައްޖު މަސް ދެން މަޑުމަޑުން ދިމާވަމުންދާނީ، ސައުދީގެ ފިނި މޫސުންގެ ދުވަސްވަރަށެވެ.