ޚަބަރު

ކޭންގެ ހެޓްރިކާއެކު ބަޔާނުން ޖަރުމަން ކަޕް ކާމިޔާބުކޮށްފި


އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހެދި ހެޓްރިކާއެކު ޝްޓުގަރޓް 3-0 ގެ ނަތީޖާއަކުން ބަލިކޮށް ބަޔާން މިއުނިކް އިން ޖަރުމަން ކަޕް ކާމިޔާބުކޮށްފި އެވެ.

ބަރލިންގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ހެރީ ކޭން ހެޓްިކް ހަދާފައިވަނީ މެޗުގެ ފަހު 12 މިނިޓުގެ ތެރޭގައި ޖެހި ދެ ލަނޑުންނެވެ. އެގޮތުން މެޗުގެ 80 ވަނަ މިނިޓުގައި ލުއިސް ޑިއާޒް ދިން ބޯޅަ އަކުން ދެވަނަ ލަނޑު ޖަހާފައިވާއިރު ތިންވަނަ ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގެ ދެވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ހެރީ ކޭން މި މެޗުގައި ޖެހި ތިން ލަނޑާއެކު މި ސީޒަނުގައި އޭނާ ކުޅުނު 51 މެޗުގައި ވަނީ ޖުމްލަ 61 ލަނޑު ޖަހާފަ އެވެ. އަދި 2023 ވަނަ އަހަރު ބަޔާން މިއުނިކް އާއި ގުޅުނު ފަހުން ހެރީ ކޭން ވަނީ އެ ކްލަބާއިއެކު ހަތަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ބަޔާން މިއުނިކް އިން ޖަރުމަން ކަޕް ކާމިޔާބުކޮށްފައިވާއިރު އެ ޓީމުން ވަނީ މި ސީޒަނުގައި ބުންޑެސްލީގާގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.