ކުޅިވަރު

އަހަރުމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ: ކޫމަން


ނެދަލޭންޑްސް އަކީ ވޯލްޑް ކަޕް ކާމިޔާބު ކޮށްފާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް އޭނާގެ ޓީމުގައި އެ ފެންވަރު އެބަހުރި ކަމަށް ކޯޗު ރޮނަލްޑް ކޫމަން ބުނެފި އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ކޫމަން ބުނީ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވި ނަމަވެސް ނެދަލޭންޑްސް ޓީމުގައި ހުނަރާއި ތަޖުރިބާ އެބަހުރި ކަމަށެވެ.

"އަހަރުމެންގެ ވަރަށް މުހިންމު ބައެއް ކުޅުންތެރިންނަށް ވޯލްޑް ކަޕް ނުކުޅެވޭ. އެކަމަކު މި ޓީމުގައި ހުނަރު އެބަހުރި. ތަޖުރިބާ ވެސް އެބަހުރި. އަހަރެން ބުނާނީ އަހަރުމެންނަށް ކޮންމެ ޓީމެއް ވެސް ބަލި ކުރެވިދާނެއޭ. އެކަމަކު އަހަރުމެންނަކީ ފެވަރިޓުންނޭ އެއްވެސް މީހަކު ނުބުނެފާނެ. އެއީ އަހަރުމެން ޓީމު ގިނަ ބަޔަކަށް މާރަނގަޅަށް ނޭނގޭތީވެ،" ކޫމަން ބުންޏެވެ.

ވޯލްޑް ކަޕަށް ދާ ޓީމު އޭނާ އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ކޫމަން ބުނީ މިހާތަނަށް ތިން ފަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅެފައިވާ ނެދަލޭންޑްސް ޓީމު އިއުލާނުކު ކުރުން ލަހެއް ނުވާނެ ކަމަށާއި އޭނާގެ ސިކުނޑީގައި ޓީމު ފައިނަލް ކުރެވިފައިވާ ކަމަށެވެ.

"ކޮންމެ ކަމެއްގެ ވެސް ވަގުތު ޖެހުނީމާ އެކަން ކުރަންވާނީ. އަހަރުމެން މިދަނީ ޓީމު އެންމެ ބެލެންސްކޮށް ނެގޭނެ ގޮތްތައް ފައިނަލް ކުރަމުން. ކުޅުންތެރިންނަށް ބަލާއިރު އަހަރުމެން ޓީމަކީ ވަކި އެހެން ޓީމަކަށް ދޫކުރާނެ ޓީމެއް ނޫން. އަހަރުމެންގެ އުއްމީދުތައް މަތިވެރި،" ކޯޗު ބުންޏެވެ.

ނެދަލޭންޑްސް އެންމެ ފަހުން ވޯލްޑް ކަޕް ފައިނަލް ކުޅުނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލްގައި ބަލިވީ ސްޕޭން އަތުންނެވެ. އަންނަ މަހު 11ގައި އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ މުބާރާތުގައި ނެދަލޭންޑްސް ހިމެނެނީ ޖަޕާނާއި ސްވިޑްން އާއި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ.