ޚަބަރު

ސާފް ވިމެންސް ޗެންޕިއަންޝިޕަށް ސީނިއާ ޤައުމީ ޓީމް އިންޑިއާއަށް


  • މިމަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ އިންޑިއާއާއި ދެކޮޅަށް

  • ރާއްޖެ އަދި ބަންގްލަދޭޝްގެ މެޗް އޮންނާނީ 29 ވަނަ ދުވަހު

ސާފް ވިމެންސް ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ސީނިއާ ގައުމީ ޓީމް އިންޑިއާއަށް ފުރައިފިއެވެ.

ޓީމް ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލުގައި ހުރެ، ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޞަބާހު މުޙައްމަދު ބުނީ މިފަދަ މުބާރާތަކަށް ޓީމު ތައްޔާރުކުރުމަށް ލިބުނު ވަގުތުކޮޅު މަދުކަމަށެވެ. އެހެންނަމަވެސް ޓީމުގެ ފަރާތުން ދެއްކި ހިތްވަރާމެދު އުފާކުރާކަމަށާ ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތަކެއް ފެނިފައިވާކަމަށެވެ.

"އަޅުގަނޑު ޓީމާ ހަވާލުވެ، މިމަދު ދުވަސްކޮޅުތެރޭވެސް ޓީމާމެދު އުންމީދުތަކެއް އެބަހުރި. ކަންތައްތަކެއް ރަނގަޅުވިތަންވެސް ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފި. އިރާދާކުރެއްވިއްޔާ އުންމީދުކުރަނީ މިދިޔަ ނަތީޖާއަށްވުރެ ހުރިހާ ގޮތަކަށް ބެލިކަމަށްވިޔަސް، އެޔަށްވުރެ ޕޮޒިޓިވްކޮން ނޫނިއްޔާމު ރަނގަޅު، ސްކޯ ލައިންވެސް އެޔަށްވުރެ ރަނގަޅު މެޗެއް ފެންނާނެކަމަށް" ރާއްޖޭގެ އަންހެން ޓީމް ސާފް ޗެންޕިއަންޝިޕްގައި އިންޑިއާއާ ވާދަކޮށް 11-1 އިން ބަލިވި މެޗަށް އިޝާރާތްކޮށް ކޯޗް ބުންޏެވެ.

ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާވެސް ހަވާލުވެގެން އިރުޝާދުދެމުން އަންނަ ޞަބާހް އަންހެން ޓީމާ ހަވާލުވެފަވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ފަހުކޮޅެވެ. އެހެންކަމުން ޓީމް ތައްޔާރުކުރުމަށް ލިބުނު ވަގުތުކޮޅު އެކަށީގެންނުވާކަމަށް އޭނާވަނީ ތަކުރާރުކޮށް ބުނެފައެވެ. އެހެންކަމުން ނަތީޖާއާ މެދު އެއްޗެއް ބުނަން އުނދަގޫކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް ގައުމީ އަންހެން ޓީމުގެ ފަރާތުން ދެއްކި ހިތްވަރަށް ކޯޗުވަނީ ތައުރީފްކޮށްފައެވެ.

"ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި. މީގަ ދެން ނަތީޖާއަކާ ދޭތެރޭ އަޅުގަނޑަށް ލިބުނު ވަގުތުކޮޅު މަދުކަމުން އެއްޗެއް ދަންނަވާލަން އުނދަގޫ" ޞަބާހް ބުންޏެވެ.

މުބާރާތުގެ ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ މުބާރާތް ފަށާ ދުވަސްކަމަށްވާ މެއި 25 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. އެއަށްފަހު ދެ ވަނަ މެޗަށް މެއި މަހުގެ 29 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ބަނގްލަދޭޝާއި ދެކޮޅަށެވެ.

މި ދެމެޗަށް އިޝާރާތްކުރަމުން ޞަބާހް ބުނީ މި ދެ މެޗަކީވެސް އުނދަގޫ ދެ މެޗަށްވާނެކަމަށެވެ. ވަރުގަދަ ދެ ޓީމާ ވާދަކުރަންޖެހޭއިރު، އުންމީދަކީ ރާއްޖޭގެ އަންހެން ޓީމް ސާފް ޗެންޕިއަންޝިޕްގައި އިންޑިއާއާ ވާދަކޮށް 11-1 އިން ބަލިވެފަވާތީ، ސްކޯ ލައިން އެޔަށްވުރު މަތިކުރުންކަމަށެވެ. އަދި އެންމެ ފަހުގެ ޗެންޕިއަން ބަންގްދޭޝްއަކީ ފިޒިކަލްގޮތުންނާއި ޓެކްނިކަލްގޮތުންވެސް ރާއްޖޭގެ ޓީމަށްވުރެ މާ ވަރުގަދަ ޓީމެއްކަމަށް ފާހަގަކުރަމުން ކޯޗްބުނީ އުންމީދަކީ މީގެ ކުރިން ހޯދާފައިވާ ނަތީޖާތަކަށްވުރެ މިފަހަރުގެ ނަތީޖާ ރަނގަޅުވުންކަމަށެވެ.

"އެންމެފަހުން އިންޑިއާއާ ކުޅުނު މެޗުގައި ވަރަށް ހެވީ ޑިފީޓްއެއް. މީގަ ދެން ނަތީޖާއާ މެދު ވާހަކަދައްކާލާއިރު އެކަހަލަ ރިޒަލްޓެއް ނިކުތީމަ ދެން އަންނަ މުބާރާތަކަށް ތައްޔާރުވާންޖެހޭ ގޮތަކަށް ނޫން ކަންނޭނގެ ތައްޔާރު މިވެވުނީ. ހަގީގަތަށް ކަންނޭނގެ ބުނުން ރަނގަޅީ. އެވަރުގެ ބޮޑު އޮޕޮނެންޓްއެއް މިއޮތީ. އަނެއްކޮޅުން މިއޮތީ ޗެންޕިއަން ބަންގްލަދޭޝް، އެހެންވީމަ ބަންގްލަދޭޝް މިފެންނަނީ ފިޒިކަލީ ވަރަށް ވަރުގަދަ، ޓެކްނިކަލީ އެމީހުންގެ ކުޅުން ރަނގަޅު. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންގެ ކުދިންނަށް މިއޮތީ ވަރަށް ވަރުގަދަ ދެ މެޗް" ކޯޗް ބުންޏެވެ.

މިމަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕް ބީގައި އޮތް ބަންގްލަދޭޝްއިން ވަނީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ހޯދާފައެވެ. އޭގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އިންޑިއާ އިން ވަނީ މިމުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާން އެވެ. މިއަހަރުގެ މުބާރާތުން ޕާކިސްތާނެއް ނުފެންނާނެއެވެ. ސަބަބަކީ ޕާކިސްތާނާއި ސިޔާސީ ގޮތުން ނުތަނަސްކަން ބޮޑުވެފައިވާ އިންޑިއާގައި މުބާރާތް ބާއްވަން ނިންމުމެވެ. އެހެންކަމުން ޕާކިސްތާނުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން އިއުލާންކޮށްފައެވެ.