ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު ޢަލީ އައްޔަން ކުރައްވައިފިއެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެވުމާއި ގުޅިގެން ޕެންޝަން އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ޕެންޝަން އޮފް އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިނާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ މަޤާމަށް އައްޔަން ކުރެވުނު ޢަބްދުލްމަޖީދު ޢަލީ އަކީ މިދިޔަ އަހަރު މާރިޗު މަހުން ފެށިގެން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. މަޖީދު ޗެއަރޕާސަންގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މަޖީދު އަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓަރޑް އޮޑިޓް ކުންފުންޏެއް ހިންގަވާ މާލީ ދައިރާގެ ތަޖުރިބާކާރު ފަރާތެކެވެ. އޭގެ ކުރިން މަޖީދުވަނީ ބޭންކް އޮފް މޯލްޑިވްސް އަދި ބޭންކް އޮފް ސިލޯން އަށް ޚިދުމަތް ކޮށްދެއްވައި ބޭންކިންގ އެންޑް ފައިނޭންސްގެ ރޮގުން ތަޖުރިބާ ހާސިލްކުރައްވާފައެވެ. އަދި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން އެއޮތޯރިޓީއަށް ޚިދުމަތް ކޮށްދެއްވައި، މިމުއްދަތުގައި އެއޮތޯރިޓީގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައިވެސް ޚިދުމަތްކޮށްދެއްވާފައިވެއެވެ.
މީގެ އިތުރުން މަޖީދަކީ މާލީ ދައިރާގައި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށް ޕެންޝަން އޮފީހުން ވިދާޅުވިއެވެ. މަޖީދު ވަނީ ވޭލްސްގެ ކާރޑިފް ޔުނިވަރސިޓީ އިން 'މާސްޓަރ އޮފް ސައިންސް އިން އިންޓަރނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް' ޙާޞިލް ކުރައްވާފައެވެ.
މަޖީދު ޕެންޝަން އޮފީހުގެ ޗެއަރޕާސަން ކަމުގެ މަޤާމަށް އައްޔަން ކުރުމާއެކު، އެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރައްވާ މެންބަރުކަމަށް އިތުރު ބޭފުޅަކުވެސް ވަނީ އައްޔަންކޮށްފައެވެ. އެ މަޤާމަށް އައްޔަންކޮށްފައިވަނީ، ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ޔާމީން އިދްރީސް އެވެ.