ޚަބަރު

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިން %26 އިތުރު


  • ޗައިނާއިން 136،459 ފަތުރުވެރިން އައިސްފައިވޭ

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %26 އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 136،459 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 107،544 ފަތުރުވެރިންނާ އަޅާ ބަލާއިރު %26 އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 3 ހަފުތާތެރޭގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތަށް މަޑުޖެހުނެވެ. ލިސްޓުގެ 6 ވަނަ ޗައިނާ ޖެހިލުމަށްފަހު، ފެބުރުވަރީމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެޤައުމަކީ އަނެއްކާވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤައުމެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތައް:

ޗައިނާ: 136،459 ފަތުރުވެރިން
ރަޝިއާ: 117,052 ފަތުރުވެރިން
އިނގިރޭސިވިލާތް: 76,339 ފަތުރުވެރިން

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 886,545 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 935,420 ފަތުރުވެރިންނާއަޅާ ބަލާއިރު %5.2 ދަށް އަދަދެކެވެ.

އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ 3 އެއާޕޯޓު:

* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: 861,674 ފަތުރުވެރިން
* ގަން އިންޓަނޭޝަނަލް އެއާޕޯޓް: 3,617 ފަތުރުވެރިން
* މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: 3,145 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 6 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 2 ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 22,659 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,284 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،000 އިން މައްޗަށް އަރައެވެ.