އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް 3-0 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވި މެޗުގައި ބްރޫނޯ ފެނާންޑޭޒް ޕްރިމިއާ ލީގުގެ އެސިސްޓް ރެކޯޑް މުގުރާލައިފި އެވެ.
ޕްރޮފެޝަނަލް ރައިޓަރސް އެސޯސިއޭޝަނުން ހޮވި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް މި ސީޒަނުގައި ހޯދާފައިވާ ފެނާންޑޭޒް ވަނީ މި ސީޒަނުގައި ޖުމްލަ 21 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން އޮތީ މެންޗެސްޓަރ ސިޓީއަށް ކުރިން ކުޅުނު ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑެބްރޭނާ އާއި އާސެނަލްގެ ކުރީގެ ތަރި, ތިއެރީ އޮންރީގެ އަތުގަ އެވެ.
ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މި މެޗުގައި ޔުނައިޓެޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި ޕެޓްރިކް ޑޯގޫ ޖެހިއިރު އެ ލަނޑު ޖަހަން އެސިސްޓް ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒް އެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ބްރަޔަމް އެމްބުއޭމޯ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްދީފައިވާއިރު ތިންވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ސީޒަނުގެ ކުރީކޮޅު މެންޗެސްޓަރ ޔުނައިޓެޑަށް އެދެވޭ ނަތީޖާތަކެއް ނުނެރެވި އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ރުބެން އަމޮރިމް މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުން ކޯޗު ކަމާއި ހަވާލުވި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. ކެރިކްގެ ކޯޗު ކަމުގައި ޔުނައިޓެޑް ކުޅުނު 17 މެޗުގެ ތެރެއިން 12 މެޗުން އެ ޓީމުން ވަނީ މޮޅުވެފަ އެވެ. އަދި އޭނާ ވަނީ ދެ ސީޒަނަށްފަހު ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަދީފަ އެވެ.
ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ގޮތުގައި ކެރިކް ހޯދި ނަތީޖާއާއިއެކު އެ ކްލަބުގެ ބޯޑުން ވަނީ އޭނާއަށް 2 އަހަރު ދުވަހުގެ ދާއިމީ ކޮންޓްރެކްޓެއް ދީފަ އެވެ.