ޚަބަރު

ބަންގްލަދޭޝް ސްކޮޑުގައި ޤައުމުން ބޭރުގައި ދިރިއުޅޭ ކުޅުންތެރިއަކު ނުހިމެނޭ


  • މުބާރާތުގައި ބަންގްލަދޭޝް ޓީމަށް އިރުޝާދުދޭނީ މަރުފުލް ހައްކް

  • 20 އަހަރުން ދަށުގެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފައިވޭ

އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް ސްކޮޑުގައި، ބަންގްލަދޭޝް ދަރިފަސްކޮޅަށް ނިސްބަތްވާ ޤައުމުން ބޭރުގައި ދިރިއުޅޭ އެއްވެސް ކުޅުންތެރިއަކު ނުހިމަނާ ސްކޮޑު އިއުލާނުކޮށްފިއެވެ.

ޖޫން 1 އިން 10ގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމެވެ. އެ ޤައުމުގެ ސީނިއަރ ޓީމުން އެ މުއްދަތުގެ ތެރޭގައި، ޔޫރަޕުގެ ސޭން މެރީނޯއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. ރާއްޖެ މުބާރާތުގައި ބަންގްލަދޭޝްގެ ސީނިއަރ ޓީމު ވާދަނުކުރަނީ، ދުނިޔޭގެ ރޭންކިންގެ ފުލުގައި އޮތް ސޭން މެރީނޯ މެޗު ކުޅެނީ ޔޫރަޕުގައިކަމަށް ވުމުން އެ ތަޖުރިބާ ހޯދުމުގެ ބޭނުމުގައެވެ.

ސަރަހައްދީ ގައުމުތަކުން ފުޓުބޯޅަ ކުރިއެރުވުމަށް އެ ގައުމުތަކުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ގައުމުން ބޭރު ކުޅުންތެރިން ގައުމީ ސްކޮޑުގައި ހިމަނައިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޙާއްސަ ގޮތެއްގައި ބަންގްލަދޭޝް އިން މިކަމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، އިނގިރޭސިވިލާތަށް ނިސްބަތްވާ ބަންގްލަދޭޝް ދަރިކޮޅުގެ ހަމްޒާ ޗޯދުރީއަށް ބަންގްލަދޭޝްގެ ސީނިއަރ ސްކޮޑުން ފުރުސަތު ދީފައިވާއިރު، އެމެރިކާއަށް ނިސްބަތްވާ އެއްމާބަނޑު ދެބެއިން ކަމުގައިވާ ރޮނާން ސުލިވަން އާއި ޑެކްލަން ސުލިވަންއަށް ބަންގްލަދޭޝްގެ 20 އަހަރުން ދަށުގެ ޓީމުން ވަނީ ފުރުސަތު ދީފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ހަމްޒާ ޗޯދުރީ އަކީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ ސިޓީއަށް ކުޅެ، މިހާރުވެސް އީއެފްއެލް ޗެމްޕިއަންޝިޕުގައި ލެސްޓަރއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ކަން މިހެން އޮތް ނަމަވެސް ބަންގްލަދޭޝް އިން މި މުބާރާތަށް އެކުލަވާލި ސްކޮޑުގައި މިއިން އެއްވެސް ކުޅުންތެރިއަކަށް ވެސް އަދި ގައުމުން ބޭރު އެހެން ކުޅުންތެރިއަކަށް ވެސް ފުރުސަތު ދީފައެއް ނުވެއެވެ.

އެހެންނަމަވެސް، މިދިޔަ މެއި މަހު ރާއްޖޭގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްގެ ޒުވާން ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް، މިހާރު އެކުލަވާލާފައިވާ 32 ކުޅުންތެރިންގެ ވަގުތީ ސްކޮޑުން ވަނީ ފުރުސަތު ދީފައެވެ. އޭގެތެރޭގައި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި އެމްޑީ މިތޫ ޗޯދުރީއާއި އެމްޑީ މަނިކް ހުސެއިން މުއްލާގެ އިތުރުން ނަޒްމުލް ހުދާ ފައިސަލް އަދި ޗަންދަން ރޯއީގެ ނަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގައި ބަންގްލަދޭޝް ޓީމަށް އިރުޝާދުދޭނީ މަރުފުލް ހައްކް އެވެ.

ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނާއި އަފްޣާނިސްތާން އަދި ދިވެހިރާއްޖެއިން ވާދަކުރާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖެއިން އިންތިޒާމުކޮށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ގުރު ނަގާ ނިމިފައިވާއިރު ފުރަތަމަ މެޗުގައި ޖޫން 1 ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝްއާއި ޕާކިސްތާނެއެވެ. އެރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.