ޚަބަރު

އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ދެޤައުމަށްވެސް މަންފާކުރަނިވި ގޮތެއްގައި މިގުޅުން ކުރިއަށްދާނެކަމަށް އުންމީދުކުރަން

އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އުރުދުންގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ، އެޤައުމުގެ ރަސްގެފާނު ޢަބްދުﷲއަށާއި، ބޮޑުވަޒީރު ޖައުފަރު ޙައްސާނަށާއި، ސަރުކާރަށާއި، އުރުދުންގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. މި އުފާވެރި މުނާސަބަތަކީ، އުރުދުންގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެ، އެޤައުމަށް ދެމެހެއްޓެނިވި ބަދަހިކަމާއި ކާމިޔާބީ ލިބިގެންދާނެ ދުވަހެއްގެ ގޮތުގައިވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ މެދުގައިވާ އިސްލާމީ އެއްބައިވަންތަކަމާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމު ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމާއި، އެކަކު އަނެކަކަށް ދޭ އެއްބާރުލުމާއި، މަޝްވަރާތަކުގެ ސަބަބުން، ދެޤައުމަށްވެސް މަންފާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އުރުދުންގެ މިނިވަން ދުވަސް ފާހަގަކުރަނީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުން ނިމުމަކަށް ގެނެސް، 1946 ވަނަ އަހަރު ލަންޑަން ޓްރީޓީގެ ދަށުން މިނިވަން ޤައުމެއްގެ ގޮތުގައި އެޤައުމުން ކަނޑައެޅުމާއި ގުޅިގެންނެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް މެއި މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ، އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައެވެ.