ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު 4121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމުގެ ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. އެގޮތުން ޖުމްލަ 4121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ދެ ވޯޓުފޮށި ބަހައްޓާނެއެވެ.
މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގައެވެ.
އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.