ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ މުޅި ދުނިޔެ ބަދަހިކޮށްދޭ ވަޞީލަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، މިކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ފުޓުބޯޅައަށް ޙާއްސަ މަގާމެއް ދެވިފައިވާކަން ފާހަގަކުރައްވާފައެވެ.
ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ އެކި އުމުރުފާގެ އެކި ޞަޤާފަތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުން ގުޅުވައި، ބަދަހިކުރާ ހަރަކާތެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ ދުޅަހެޔޮ، އުފާވެރި، މާނަވީ ދިރިއުޅުމަކަށް ބާރު ލިއްބައިދޭ ހަރަކާތެއްގެ ގޮތުގައި ވެސް އެކަމަނާ ސިފަކުރެއްވިއެވެ.
ފުޓުބޯޅައިގެ ތެރެއިން، ރިވެތި އަޚުލާގާއި، ޓީމްވޯކާއި، ޤަވާއިދާއި އުސޫލުތަކުގެ މުހިންމުކަން ދަސްކޮށްދޭ ކަމަށާއި، މި ކުޅިވަރުން ބިނާކުރަނީ ހަމައެކަނި އެތުލީޓުން ނޫން ކަމާއި، މިއީ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށްދޭ ހަރަކާތެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ފުޓުބޯޅަ ދުވަހުގައި ކުރެވޭ އެންމެ ބޮޑު އުއްމީދަކީ، ކުޅިވަރުގެ ތެރެއިން، ޙާއްސަ ގޮތެއްގައި ފުޓުބޯޅައިގެ ތެރެއިން އަމާން، ބަދަހި މުޖުތަމައުއެއް ބިނާކުރެވި، މިއީ ޒުވާނުންނަށް ހިތްވަރުދޭ، ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށް ބާރު ލިއްބައިދޭ ހަރަކާތަކަށްވުން ކަމަށް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ. މި ދުވަސް އެންމެފުރަތަމަ ފާޙަގަކުރަން ފެށީ 2024 ވަނަ އަހަރުއެވެ. އެއީ ތާރީޚުގައި ވެސް ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް ބޭއްވިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.