ޚަބަރު

ޙައްޖަކީ އުފާވެރިކަމާއި ހެޔޮ ޢަމަލުކުރުމަށް އައު ހިތްވަރެއް ލިބޭ އަޅުކަމެއް


މި އަހަރުގެ ޙައްޖުގެ އަޅުކަން ދެ މިލިޔަނަށް ވުރެ ގިނަ މީހުން ޢަދާ ކުރާނެ ކަމަށް ބެލެވޭ ކަމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ބުނެފައެވެ. ޙައްޖު މަހުގެ 8ވަނަ ދުވަހު، ޔައުމުލް ތަރްވިޔާގައި އެތައް ހާސް ޙައްޖުވެރިންނެއް ވަނީ މައްކާގެ ހުޅަނގުގައި އޮންނަ މިނާއަށް ޖަމާވެފައެވެ. އެއާއެކު، މި އަހަރުގެ މާތްވެގެންވާ ޙައްޖުގެ އަޅުކަން ވަނީ ރަސްމީކޮށް ފެށިފައެވެ.

މިޞްރުގެ ރައްޔިތެއް ކަމަށްވާ ސާމްޔާ އަބްދުލް މުނައިމް ބުނީ އޭނާއަށް ޙައްޖުގެ އަޅުކަން ޢަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް އާދެވުނު ކަމަށްޓަކައި اللهއަށް ޙަމްދުކުރާ ކަމަށެވެ. ޙައްޖަަކީ ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު ޢަދާ ކުރުން ފަރުޟުވެގެންވާ އަޅުކަމަކަށް ވީއިރު، މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިފައިވާތީ އޭނާއަށް ބުނެދޭން ނޭނގޭހާ އުފާވެރިކަން އިޙްސާސް ކުރެވޭ ކަމަށް އޭނާ ބުންޏެބެ.

ޙައްޖު މަހުގެ 8ވަނަ ދުވަހު މިނާއަށް ދިޔުމުގެ ކުރިން ޙައްޖު ވެރިން ދިޔައީ ގަދަ ހޫނުގައި މައްކާގައި ހުންނަ ގެފުޅު ވަށައި ޠަވާފް ކުރަމުންނެވެ. އެއަށްފަހު އަރަފާތް ދުވަހުގެ ކުރިން މިނާގައި ހޭދަ ކުރާ ދުވަސް ކަމުގައިވާ ޔައުމުލް ތަރްވިޔާ ރަމްޒުކޮށްދެނީ މާތްاللهގެ އަޅުން އެ މީހުންގެ ނަަފްސުތަކަށް ބޭނުންވާ ކާނާ ދީ، މާތްވެގެންވާ އަރަފާތް ދުވަހަށް ތައްޔާރުވާ ތައްޔާރުވުމެވެ. އެ ދުވަހު މިނާގައި ތިބި ޙައްޖުވެރިން ރެއާއި ދުވާލު ހޭދަ ކުރަނީ އަޅުކަމުގައެވެ. ދުޢާ ކުރުމާއި ޛިކުުރުކުރުމުގައި ވަގުތު ހޭދަކޮށް، ތަލްބިޔާ ކިޔުމުގެ މަތީގައި ދެމިތިބެއެވެ. އެ ރޭ މިނާގައި ހޭދަ ކުރުމަށްފަހު، ޙައްޖު މަހުގެ 9ވަނަ ދުވަހު ނުވަތަ ޢަރަފާތު ދުވަހު އިރުއެރުމުން އެ ބިމަށް ދަތުރު ފަށައެވެ. އަދި ޙައްޖުގެ އެންމެހާ ރުކުންތައް ޢަދާކުރުމުގައި އަވަދިނެތި މަސައްކަތްކުރެއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޔޫސުފް ޖުހޫދު ބުނީ ޙައްޖަކީ އޭނާގެ ދިރިއުޅުން “ރީސެޓު” ކޮށްލައިދޭނެ މަތިވެރި އަޅުކަމެއް އޭނާ ޤަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ އޭނާއަށް މަބުރޫރު ޙައްޖެއް ލިބި، ޙައްޖުގެ އަޅުކަން ނިމޭއިރު އޭނާގެ ޙަޔާތް އެއްކޮށް ބަދަލުކޮށްލައި، ޙައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެ، ދިރިއުޅުމުގެ މަޤްޞަދު ނަފްސަށް ސާފުވެގެންދާ ގޮތަށް ދިރިއުޅުން ބައްޓަން ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ޙައްޖުގެ އަޅުކަމަކީ ވަރަށް ބުރަ އަޅުކަމެއް ކަމަށާއި، އެއީ ބައެއް މީހުން ޙަޔާތުގައި ކުރާ އެންމެ އުނދަގޫ ކަންތައް ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެހާ މާތް، އަދި އޭގެ ސަބަބުން އެހާ ގިނަ ފައިދާތަކެއް ލިބޭ އަޅުކަމެއް ފަސޭހަ ނުވާނެ ކަމަށާއި އެ އަޅުކަން ޢަދާ ކުރުމުގައި ޤުރުބާނީތަކެއް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖުހޫދު އިތުރަށް ބުނީ އެތައް ހާސް ބަޔަކު ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކޮށް، އެ ދަތުރު ކުރުމަށް ގިނަގުނަ ޤުރުބާނީތައް ވެފައި ވުމީ އެ ކަމާ މެދު އޭނާ އަަބަދު ވެސް އާޝޯހުވާ ކަމެއް ކަމަށެެވެ. އެ މާތް ބިމަށް އައުމަށް ފަހުގައި ވެސް ޞަދަޤާތް ދިނުމުގައްޔާއި އެކަކު އަނެކަކަށް އެހީތެރިވުމުގައި އެ ކަކަށްވުރެ އަނެކަކު ކުރިއެރުމަށް ގަދައަޅާ މަސައްކަތްކުރާ ކުުރުމަކީ، އޭގެ ސަބަބުން ހެޔޮ ޢަމަލުތައް ކުރުން ގިނަކޮށް، ދީނުގެ މަގުގައި ޖިހާދު ކުރުމަށް ހިތްވަުރު ލިބޭ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. ޙައްޖުގެ އުނދަގޫ ދަތުުރުމަތީގައި ވެސް ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް މީހުން މަސައްކަތް ކުރަނީ ހަމައެކަނި މާތްاللهގެ ކިބައިން ދަރުމައާއި ޘަވާބަށް އެދިގެން ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.