ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރާ މީހަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުން ކަމުގައި، އަރަފާތު ބިމުގައި ދިވެހި ހައްޖާޖީންނަށް ޚާއްޞަ ކޮށްގެން އިއްވި ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މި ޚުޠުބާ އިއްވައިދެއްވީ، އައްޝައިޚް އިލްޔާސް ޙުސައިންނެވެ.
ޝައިޚް އިލްޔާސްގެ ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އަރަފާތު ދުވަހަކީ މާތްﷲ ނަރަކައިން އެންމެ ގިނަ އަޅުން މުއްތިކުރައްވާ ދުވަހެވެ. މި ދުވަހުގެ މާތްކަން ބަޔާންކޮށްދެއްވަމުން ވިދާޅުވީ، އިސްލާމްދީން ފުރިހަމަ ކުރެއްވިކަމުގެ އާޔަތް ބާވައިލެއްވީވެސް މާތް ނަބިއްޔާ ﷺ އަރަފާތު ބިމުގައި ހުންނަވަނިކޮށް ކަމަށެވެ.
އިސްލާމްދީނަކީ، ހުރިހާ ޒަމާނަކަށާއި ހުރިހާ ތަނަކަށް އެކަށީގެންވާ ސުލްހަވެރިކަމުގެ ދީންކަން ފާހަގަކުރައްވައި، އެއީ އިންސާނުންގެ ދިރިއުޅުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ ފުރިހަމަ ނިޒާމެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ދިވެހި ހައްޖާޖީންނަކީ މި މަތިވެރި ނިއުމަތުގެ އަހުލުވެރިންކަން ބަޔާންކުރައްވައި، މި މުޤައްދަސް ބިމުގައި ތިބެ، މާތްﷲ ދެއްވި ހިދާޔަތުގައި ސާބިތުވެ ތިބުމަށާއި، ކުރިއަށް އޮތް ހަޔާތް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބައްޓަން ކުރުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސް ކުރެއްވިއެވެ. އެކަމުގައި ސާބިތުވެ ހުރެއްޖެ މީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ، ތަފާތު ނަސްލުތަކާއި ކުލަތަކުގެ މީހުން އެއްބިމަކަށް ޖަމާވެ، އެންމެންވެސް އެދެމުންދަނީ އެއްކަމަކަށްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެއީ، އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ދެންނެވުމެވެ.
ކީރިތި ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުތަކަށް އަލިއަޅުއްވާލައްވަމުން ޝައިޚް ވިދާޅުވީ، ޙައްޖުގެ އަޅުކަން އަދާކުރުމުގައި އަމަލާއި ބަހުން ފާފައަކަށް އަރައިނުގަނެ، ޖަދަލުކުރުމުން ދުރުހެލިވެއްޖެ މީހާ، އެ އަޅުކަން ނިންމާލާފައި ދާނީ މަންމަގެ ބަނޑުން އުފަންވި ދުވަހު ހުރި ފަދައިން ފާފަތަކުން ސާފުތާހިރުވެގެން ކަމަށެވެ.
"ﷲ އެއްވެސް މީހަކު ބާކީ ނުކުރައްވައި ފާފަ ފުއްސަވާނެ. އެންމެ ބޮޑު ކާމިޔާބީއަކީ ނަރަކައިން ސަލާމަތްވެ، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ހިމެނުން. ދުނިޔޭގެ އެދުންތަކުން ދުރުވެ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިއްޖެނަމަ، އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނަސީބު،" ޝައިޚް ވިދާޅުވިއެވެ.
ޚުޠުބާ ވިދާޅުވީ، އިސްލާމްދީނުގައި އުފާފާޅުކުރުމުގެ ކޮންމެ މުނާސަބަތަކީ އަޅުކަމަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މި ލިބުނު ރަން ފުރުސަތުގެ ބޭނުން ހިފައި، ގިނަގިނައިން ދުޢާކޮށް، ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ޙައްޖުގެ އަޅުކަމުން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ، މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެކަމުގައި ސާބިތުވެތިބޭ ބަޔަކަށް ވުންކަމުގައިވެސް ވިދާޅުވިއެވެ.