އަޟްޙާ ޢީދާކީ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ މުސްލިމުންގެ ޢީދެވެ. މާތްﷲގެ ޙަޟްރަތުން މުސްލިމު އުއްމަތް އުފާ ފާޅުކޮށް ޝުކުރުވެރިކަމާއެކު ފާހަގަކުރާ މުސްލިމުންގެ ބޮޑު ޢީދު ދުވަހެވެ.
މާތްﷲގެ ޙަޟްރަތުން އަންނަ ފުއްސެވުމާއި ދިންނެވުމަށް ބައްދަލުކުރި ޛުލްޙިއްޖާ މަހުގެ މާތް ދުވަސްތަކަށްފަހު މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދުވަހަކީ، އަޟްޙާ ޢީދު ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން މިދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެހެންނަމަވެސް މިދުވަސް ފާހަގަކުރަންޖެހޭނީ، މާތްﷲ ބަޔާންކުރައްވާފައިވާ އިސްލާމީ ޙުދޫދުގެ ތެރޭގައެވެ.
ޖާހިލިއްޔަ ޒަމާނުގައި މަދީނާގައި އުފާފާޅުކުރާ 2 ދުވަހެއް އޮންނަކަމަށް އައިސްފައިވެއެވެ. ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެންނެވުމަށްފަހު މުސްލިމުންނަށް އެއަށްވުރެ ހެޔޮކަން ބޮޑު ދެ ދުވަހެއް މާތްﷲ ލައްވައިފިކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އެއީ، ފިޠުރު ޢީދާއި އަޟްޙާ ޢީދު ދުވަހެވެ.
މުސްލިމުންގެ އެންމެ ބޮޑު ޢީދުގައި ޢަމަލުތައް ބަހައްޓަންވީ ގޮތް ކީރިތި ނަބިއްޔާވަނީ ބަޔާންކޮށްދެއްވާފައެވެ. ބަރަކާތްތެރި އަޟްޙާ ޢީދު ދުވަސް އެކަލޭގެފާނު ފެއްޓެވީ، ޢީދު ނަމާދުންނެވެ. ފިޠުރު ޢީދާ ޚިލާފަށް، އަޟްޙާ ޢީދުގައި އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވަނީ، ޢީދު ނަމާދަށްފަހު ވަޑައިގެން ޤުރުބާނީ ކަތިލެއްވުމަށްފަހު އެއިންކަމަށްވަނީ އައިސްފައެވެ.
ޢީދުގައި އުޟްޙިޔާ ކަތިލުމަށް އެދޭ ފަރާތްތަކުން ޢީދު ނަމާދަށްފަހު، އުޟްޙިޔާ ކަތިލުމަށް އަވަސްވެގަތުމަށް ޢިލްމުވެރިން ބާރު އަޅުއްވައެވެ. އަދި އެއިން ކައި އެދުވަހު ޞަދަޤާތްދިނުމަކީ، އެކަމުގައި ގިނަގުނަ ދަރުމަ ހުރިކަމެކެވެ. ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުވެސް ތަކުބީރު ކިޔައި އުޅުނު ފަދައިން ޢީދު ދުވަހުވެސް ތަކުބީރު ކިޔުމަށް ދީނުގައިވަނީ ބާރުއަޅުއްވާފައެވެ.
ޢީދު ދުވަހު ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ޢީދު ކުޅިވަރު ކުޅެ ހަދައެވެ. މިއީ، ދީނީގޮތުން ސާބިތު ނުވާކަންކަން ނަމަވެސް، ދިވެހީންގެ އެވޭލާ އާދަކާދައިގެ ތެރެއިން އައިސްފައިވާ ކަންކަމެވެ. ޢީދު ފާހަގަކުރުމުގައި އިސްލާމީ ޙުދޫދުން ބޭރު ނުވުމަށް ޢިލްމުވެރިން ބާރުއަޅުއްވައެވެ. އެގޮތުން ދެޖިންސު މަސްހުނިވުމާއި، އެހެން ދީންތަކުގެ މީހުން ފާހަގަކުރާ ދުވަސްތަކުގައި ކޮށްއުޅޭ ކަންކަމާއި ދުރުހެލިވުމަށް ވަނީ އަންގަވާފައެވެ.
ޢީދު ފާހަގަކުރުމަށް ދިވެހި ޡަޤާފީ ކުޅިވަރުތަކާއެކު އެކި ރަށްރަށުގައި އަންނަނީ، ފޯރީގައި ޢީދު ފާހަގަކުރަމުންނެވެ. މިޙަރަކާތްތައް ޢީދު ދުވަހާއި ޖެހިގެން އަންނަ ވަޅު ޢީދު ދެދުވަހުވެސް ކުރިޔަށްގެންދެއެވެ.