ޚަބަރު

އަޟްހާ ޢީދު: ޢާއިލީ ލޯތްބާއި އިޖުތިމާޢީ އެއްބައިވަންތަކަމުގެ މުނާސަބަތެއް


  • މިއީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް

  • ޢީދަކީ އިޖުތިމާއީ ގުޅުންވެސް އިތުރަށް ވަރުގަދަކޮށްދޭ މުނާސަބަތެއް

އަޟްހާ ޢީދު ނުވަތަ ދިވެހިންގެ ބަހުރުވައިން ނަމަ ބޮޑު ޢީދަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ފަލްސަފާއެއް ކަމުގައިވާ އެއްބައިވަންތަކަމާއި އޯގާތެރިކަން އަމަލީ ގޮތުން ދައްކުވައިދޭ އެންމެ ތަފާތު މުނާސަބަތެވެ.

މި އުފާވެރި ދުވަސްތަކަކީ ހަމައެކަނި ކުޅިވަރާއި މަޖަލުގެ ވަގުތުތަކެއް ނޫނެވެ. މިއީ ވަކިވަކިވެފައިވާ ހިތްތައް ގުޅުވައިދީ، ޢާއިލީ ގުޅުންތައް އާލާކޮށް، މުޅި މުޖުތަމައު އެއް އާއިލާއެއްގެ ގޮތުގައި ބަދަހިކޮށްދޭ ވަރަށް ވަރުގަދަ އިޖުތިމާޢީ ބާރެކެވެ. ރާއްޖޭގެ ރަށްފުށުގެ މާހައުލަށް ބަލާއިރު، ޢީދު ބަންދާއެކު ފެށިގެންދަނީ އުފާވެރިކަމުގެ އާދަޔާ ޚިލާފު ދިރުމެކެވެ.

ޢާއިލީ ގުޅުމުގެ ނަޒަރަކުން ބަލާއިރު، ބޮޑު ޢީދަކީ ދުރުގައި ތިބި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން އެއްތަންކޮށްދޭ ރަނުގެ ފުރުޞަތެކެވެ. މާލޭގެ ކާރޫބާރޫ ބޮޑު ދިރިއުޅުމާއި ވަޒީފާގެ ބުރަކަމުން ނުކުމެ، އުފަން ރަށަށް ދަތުރުކުރާ މީހުންގެ ސަބަބުން ރަށްރަށުގެ ބަނދަރުތަކަށް އުފާވެރިކަން ވެރިވެއެވެ. މައިންބަފައިންނާއި ދަރިން، އަދި ކާފަ މާމަ ދަރިން އެއް ފުރާޅެއްގެ ދަށުގައި ޢީދު ދުވަހުގެ ފަތިސް ނަމާދަށްފަހު ބައްދަލުވުމަކީ ލޭގެ ގުޅުން ވަރުގަދަވާ މުހިންމު ކަމެކެވެ.

ޚާއްޞަކޮށް ޢީދު ނަމާދަށްފަހު ބާއްވާ ޢާއިލީ ހެނދުނުގެ ނާސްތާއަކީ ވަރަށް ތަފާތު ވަގުތެކެވެ. އެއް ސުފުރާއެއްގެ ދަށުގައި ތިބެގެން ސަގާފީ ކާނާތަކަށް އިންސާފުކުރަމުން، މާޒީގެ ހަނދާންތައް އައުކުރުމާއި ދިރިއުޅުމުގެ ޚަބަރުތައް ހިއްސާކުރުމުން، ޢާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ބަދަހިކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. ހަމަޔަގީނުންވެސް ހެނދުނުގެ މި ނާސްތާ ވެގެންދަނީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް އިތުރަށް ވަރުގަދަކޮށްދިނުމަށް ނޭނގިނަމަވެސް ކުރެވޭ ވަރަށްވެސް މުހިންމުކަމަކަށެވެ.

އިޖުތިމާޢީ ގޮތުން ބަލާއިރު، ބޮޑު ޢީދަކީ މުޅި ރަށުގެ ރައްޔިތުން އެކަތިގަނޑަކަށް ހަދާލާ ވަގުތެކެވެ. ޢީދުގެ ކުޅިވަރުތައް ރޭވުމާއި، ބޮޑުމަސް ހެދުމާއި، މާލި ނެރުމަށް ކުރެވޭ މަސައްކަތްތަކުގައި ރަށުގެ ހުރިހާ ޒުވާނުންނާއި ބޮޑެތި މީހުން ބައިވެރިވެއެވެ. މިއީ ހަމައެކަނި ކުޅިވަރެއް ތައްޔާރުކުރުމެއް ނޫނެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރީތި ނަމޫނާއެކެވެ.

ރަށުގެ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ޖާފަތްތަކަކީ މުއްސަނޖެއް، ފަގީރެއް، ބޮޑެއް ނުވަތަ ކުޑައެއް ބެލުމެއް ނެތް ހަމަހަމަ ސުފުރާތަކެކެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އަހަރު ތެރޭގައި މީހުންގެ މެދުގައި އުފެދިފައި ހުންނަ ނުތަނަވަސްކަމާއި ހިތްނުތަނަވަސްކަން ފިލައިގޮސް، އަޚުވަތްތެރިކަމުގެ އާ ރޫޙެއް މުޖުތަމައުގައި އުފެދިގެންދެއެވެ.

އުޟުޙިޔާ ކަތިލުމުގެ މަތިވެރި އަޅުކަމަކީ އިޖުތިމާޢީ ގުޅުންތައް އޯގާތެރިކަމުގެ ތެރެއިން ވަރުގަދަކޮށްދޭ ކަމެކެވެ. ކަތިލެވޭ ތަކެތީގެ މަސް ރަށުގެ ހުރިހާ ގެއަކަށް ބެހުމާއި، ޚާއްޞަކޮށް ނިކަމެތިންނާއި ފަގީރުންގެ ހާލު ބަލައި އެމީހުންނަށް އިސްކަންދިނުމަކީ އިސްލާމީ މުޖުތަމައެއްގައި އޮންނަންޖެހޭ އެކަކު އަނެކަކަށް އަޅާލުމުގެ ރީތި ސިފައެކެވެ. މިއީ މުޖުތަމައުގެ އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ނޫންކަން އިހުސާސްކޮށްދޭ ވަގުތެކެވެ. މިކަމުގެ ސަބަބުން މީހުންގެ މެދުގައި އޮންނަ އިތުބާރާއި ލޯބި ދެމެހެއްޓުމަށް ބޮޑު ބާރަކަށްވެއެވެ.

މުޅި އިސްލާމީ އުންމަތަށް މި އައި އުފާވެރި އަޟްހާ ޢީދަކީ ދިވެހި މުޖުތަމައުގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށްދޭ އެންމެ މުހިންމު އެއް ތަނބޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އަވަށްޓެރިންނާއި ރަށުގެ އެންމެހާ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މި މުނާސަބަތުން ލިބޭ ފިލާވަޅުތަކަކީ އަގުނުކުރެވޭނެ ފިލާވަޅުތަކެކެވެ.

މިއާއެކު އަޟްހާ ޢީދުގެ ފުރިހަމަ އުފަލަކީ ހަމައެކަނި އައު ހެދުމެއް ލުމެއް ނޫނެވެ. އެއީ އެންމެން ގުޅިގެން، އެކަކު އަނެކަކަށް މާފުކޮށް، ލޯތްބާއި އެކުވެރިކަމާއެކު އުޅުމުގެ މަތިވެރި އާދަ އަށަގެންނެވުމެވެ. މިފަދަ ގޮތަކަށް ޢީދު ފާހަގަކުރުމަކީ ދިވެހިވަންތަކަމާއި އިސްލާމީ ވަހުދަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ އެންމެ ރީތި މަގެވެ.