ރާއްޖޭގައ މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ތަށި ހޯދުމުގެ ވަރުގަދަ އަޒުމުގައި ރާއްޖެއައި ބަންގްލަދޭޝް ޓީމަށް ކުރިމަތިވި ނާކާމިޔާބީއާއިއެކު، އެ ޓީމުގެ ކޯޗުގެ ފާޑުކިއުން، ރާއްޖޭގެ ފުޓުބޯޅައަށް އަމާޒުވެއްޖެއެވެ.
ޒުވާން ޓީމަކާއެކު، މުބާރާތުގެ ޗެމްޕިއަންކަން ހޯދަންކަމަށް ބުނެ އައި ބަންގްލަދޭޝް ޓީމަށް މުބާރާތުގެ ފައިނަލުން ފުރުސަތު ގެއްލުނީ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެ އެއްވަރުވުމުންނެވެ.
މެޗު ކާމިޔާބުކުރަން ބަންގްލަދޭޝް ކުޅުންތެރިން ކުރި މަސައްކަތް ނާކާމިޔާބުވުމާއެކު، މެޗު ހޫނުކޮށް، ރެފްރީންނާއި ކުރިމަތިލައި، ދަނޑުމަތީގައި ދިވެހި ކުޅުންތެރިންނާ ވެސް ބަންގްލަދޭޝްގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރިމަތިލާފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގައި ބަންގްލަދޭޝްގެ މެނޭޖަރާއި ދެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާފައިވާއިރު، މެޗު ނިމެން ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް ހިނގައިދިޔަ ހަމަނުޖެހުން ހުއްޓުވަން ޖެހުނީ ދިވެހި ފުލުހުން ދަނޑަށް އަރައިގެންނެވެ.
ފުޓުބޯޅައިގެ ރިވެހި އަހުލާގާ ޚިލާފު އެތައް އަމަލެއް ބަންގްލަދޭޝް ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭނާގެ ޓީމު ދިފާއުކޮށް ވާހަކަދައްކަމުން ކޯޗު މަރުފުލް ހައްކު ވަނީ، ލިބުނު ނާކާމިޔާބީގެ ޒިންމާ، މުބާރާތުގެ ރެފްރީންގެ ބޮލުގައި އަޅުވާފައެވެ.
އަދި ޔޫރަޕާއި އެމެރިކާއިން ކުޅުންތެރިން ޤައުމީ ޓީމަށް ގެނެސްގެން ކުރިއަރުވަން މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ފުޓުބޯޅައިގެ ހާލަތުގެ ވާހަކަ ނުދައްކާ، ދިވެހި ފުޓުބޯޅަ އޮތީ ދަށް ހާލަތެއްގައިކަމަށް ބުނެ އޭނާ ވަނީ ރާއްޖޭގެ ފުޓުބޯޅައަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
ސަރަހައްދީ ފުޓުބޯޅައާއި ދިވެހި ފުޓުބޯޅަވެސް ވަރަށް ރަނގަޅަށް އެނގޭކަމަށް ބުނެ ވާހަކަދައްކަމުން ކޯޗު މަރުފުލް ބުނީ، ރާއްޖެއަށް ފުޓުބޯޅައިގައި ކުރިއެރުމެއް ނުވަތަ ފައިދާއެއް އޮތީ، ފުޓުބޯޅައިގެ ހަޤީޤީ ޓެސްޓަކާ ކުރިމަތިލައިގެން ކަމަށެވެ.
"ރާއްޖޭގެ ކުޅުންތެރިން ހަޤީޤީ ޓެސްޓެއް ލިބޭކަހަލަ މެޗުތަކެއް ކުޅެގެން ރާއްޖޭގެ ފުޓުބޯޅައަށް ފައިދާއެއް އޮތީ. އަހަންނަށް އިނގޭ މި ސަރަހައްދުގެ ފުޓުބޯޅަ ވެސް. ރާއްޖޭގެ ފުޓުބޯޅަ ވެސް. ފުޓުބޯޅައިގައި ދަށަށް ދާ މިންވަރު އިނގޭ. އެއް ސަބަބު މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދަށްވާ. ހަޤީޤީ ޓެސްޓަކާ ކުރިމަތިލާން ނުލިބުން. މިއީ ފުޓުބޯޅަ". ކޯޗު މަރުފުލް ހައްކު ބުންޏެވެ.
ރާއްޖޭގެ ފުޓުބޯޅައާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު މަރުފުލް ބުނީ، މީގެ 10 އަހަރުކުރިން އޮތް ދިވެހި ޓީމު މާ މޮޅު ކަމަށެވެ.
"2015 ވަނަ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމު މާ މޮޅު. އެމީހުންގެ އެޕްރޯޗް، އެމީހުންގެ ފިޓްނަސް މާ ރަނގަޅު. ޓެކްނިކަލީވެސް މާ މޮޅު. އެއީ މިހާރުގެ ޓީމާ އަޅާ ބަލާއިރު މާ ތަފާތު ޓީމެއް". 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ ސީނިއަރ ޓީމަށް ކޯޗުކޮށްދިން މަރުފުލް ބުންޏެވެ.
ޔޫއެފާ އޭ ލައިސަން ހާސިލްކުރި ސައުތު އޭޝިއާގެ ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައިވާ މަރުފުލްގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން މުބާރާތުގައި ކުޅުނު ބަންގްލަދޭޝް ޓީމުން މުބާރާތް ނިންމާލީ މޮޅަކާ ނުލައެވެ.
މުބާރާތުގައި ރާއްޖެއަށް ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. މި ދެ ޓީމަށް ވެސް މުބާރާތުގައި ލަނޑެއްޖެހުނީ މި ދެ ޓީމު ބައްދަލުކުރި މެޗުގައި އެކަންޏެވެ. އެއީވެސް މެޗުގައި ލިބުނު ދެ ޕެނަލްޓީއެއްގައި ކާމިޔާބުކުރި ލަނޑުތަކެކެވެ.
މުބާރާތުގައި ލިބުނު ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ކޯޗު މަރުފުލް އެޅުވީ މުބާރާތުގެ ރެފްރީންގެ ބޮލުގައެވެ.