ކުޅިވަރު

އެމެރިކާގެ ދިލަ ހޫނުގެ އެޑްވާންޓޭޖް އޮތީ ކޮން ބަޔަކަށް؟


މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަނީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގަ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ޖުލައި 19އާ ހަމަޔަށް ބާއްވާ މުބާރާތުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް ގަދަ ހޫނުގެ މައްސަލަ އެވެ. މިއާއެކު މީގެ ގެއްލުމާއި ފައިދާ އަކީ މުބާރާތް ކާމިޔާބު ކުރެވުމާއި ނުކުރެވެން އޮތް ބަހަނާއަކަށް ވެސް ހެދުން ގާތެވެ.

ސައިންސްވެރިން ދެކޭ ގޮތުގައި މުބާރާތުގެ 104 މެޗުގެ ތެރެއިން ކޮންމެ ހަތަރު މެޗަކުން އެއް މެޗު ކުޅޭނީ އާދަޔާ ހިލާފު ގަދަ ހޫނުގަ އެވެ. ދުވާލު މެޗުތައް ކުޅޭ ވަގުތުތަކުގައި އެމެރިކާގެ ހޫނުމިން ހުންނާނީ 28 ޑިގްރީގަ އެވެ. އެވްރެޖް ހޫނުމިނަކީ 26 ޑިގްރީ އެވެ. ފްލޮރިޑާ ފަދަ ބައެއް ސިޓީތަކުގައި 30 ޑިގްރީއަށް ހޫނުމިން މަތިވާނެ އެވެ. ސައިންސްވެރިން ލަފާ ކުރާ ގޮތުގައި މިއީ އެމެރިކާގައި މީގެ 32 އަހަރު ކުރިން 1994ގައި ބޭއްވި ވޯލްޑް ކަޕުގެ ދުވަސްވަރަށް ވެސް ވުރެ ގަދަ ހޫނަކަށްވާނެ އެވެ.

ޔޫރަޕުގެ ޓީމުތަކުން އާއްމުކޮށް މެޗުތައް ކުޅެނީ ފިނިވާ ފަހުންނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވީ ވެސް ޔޫރަޕުގެ ނުރުހުމާހުރެ އެންމެ ފިނިވާނެ ދުވަސްވަރަކީ ޑިސެމްބަރު މަހު ކަމަށް ބަލާފައި އެ ދުވަސްވަރު އެވެ. އެ ވެސް ސްޓޭޑިއަމްތައް ފިނިކޮށްގެންނެވެ.

އެކަމަކު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި މުބާރާތް ކުޅޭ 16 ސްޓޭޑިއަމުގެ ތެރެއިން ގިނަ ސްޓޭޑިއަމްތަކުގެ އަނގަމަތި ހާސާ ކޮށްފައިވާއިރު ގިނަ ތަންތަނުގައި ފިނުކުރާ ނިޒާމެއް ނެތެވެ. މިހެންވެ ޑަލަސް އާއި މަޔާމީ އަދި ހިއުސްޓަން އާއި މެކްސިކޯގެ ދަނޑުތައް އާދަޔާ ހިލާފަށް ހޫނުގަދަވާނެ އެވެ. ސައިންސްވެރިން ލަފާ ކުރަނީ މި ފަހަރުގެ މުބާރާތް ވާނީ 1930ގައި ވޯލްޑް ބާއްވަން ފެށި ފަހުން އެންމެ ގަދަ ހޫނުގައި ކުޅޭނެ މުބާރާތަށް ވާނެ ކަމަށެވެ. ފިނިކުރި ސްޓޭޑިއަމްތަކުގައި ކުޅެން ހަމަޖެހިފައިވަނީ އެންމެ 17 މެޗެވެ.

ސައިންސްވެރިން ލަފާ ކުރަނީ އިރުގެ ދިލަ ހޫނުގެ ދޯދިތަކުގެ ސަބަބުން ކުޅުންތެރިންނަށް އެންމެ އުނދަގޫވާނީ ހަށިގަނޑު ފިނިހޫނުމިން ބެލެންސް ކުރުމަށެވެ. ހާއްސަކޮށް ގައިން އޮހެރޭ ދާ އިތުރުވުމުގެ ސަބަބުން ކުޅުންތެރިންގެ ދުވެލި މަޑުވާނެ ކަމަށެވެ. އަދި ގަދަހޫނުގެ ސަބަބުން ހަށިގަނޑުގެ ވަރުދެރަވުން އަވަސްވެ، ކަރު ހިއްކުމާއި ގައި ހިރުވުމާއި މަސްތައް ކަނޑަކަނޑައިގެން ދިއުން އަވަސްވާނެ ކަމަށެވެ. މީގެ ސަބަބުން ބައެއް ފަހަރު މީހާ ހުއްޓުން އަރައި އަނބުރައި ގަތުން ވެސް އެކަށީގެންވެ އެވެ.

އެންމެ ފަހުގެ ކުލަބު ކުލަބު ވޯލްޑް ކަޕް ބޭއްވީ ވެސް އެމެރިކާގަ އެވެ. މެދުއިރުމައްޗާއި އެފްރިކާ ޓީމުތައް ވެސް ހޫނަށް ފަރިތަވާނެ އެވެ. މިހެންވެ ގިނަ ކުޅުންތެރިންނަކީ މީގެ ކުރިން ވެސް ގަދަ ހޫނުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ކޮށްފައިވާ ބައެއް ކަމުން މިކަމުން އަރައިގަންނާނެ ގޮތް ވެސް ޓީމުތަކަށް އެނގޭނެ ކަމަށް ގިނަ ސައިންސްވެރިން ގަބޫލު ކުރެ އެވެ. ހާއްސަކޮށް ޓީމުތަކުގެ ފިޒިއޯއިން މިކަންކަމަށް ސަމާލުވެއްޖެނަމަ އެވެ.

އިނގިރޭސިވިލާތުގެ ސްވަންސީ އާއި ވެންޓްހަމް އަދި ޕާކިސްތާނުގެ ގައުމީ ޓީމުގެ ފިޒިކަލް ޕާފޯމްސް ކޯޗަކަށް މަސައްކަތް ކުރި ތަޖުރިބާކާރު ފިޒިއޯ ޕާފޯމަންސް ކޯޗު ރައްޔަން އައްބާސީ ބުނީ ގަދަ ހޫނުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށް ޓީމުތަކުން އެންމެ އަވަހަށް ކުރަން ޖެހޭނެ ކަމަކީ މާހައުލަށް ހޭނުން ކަމަށެވެ. ބައެއް ގައުމުތަކުން ދެ ހަފުތާ އާއި 10 ދުވަހުގެ މުއްދަތެއް އޮއްވައި އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ އަށް ދަތުރު ފެށީ މިހެންވެ އެވެ.

އެޑްވާންޓޭޖް ކުޑަކުރެވޭނީ މާހައުލަށް ތައްޔާރު ވެގެން

އައްބާސީ ބުނީ އާއްމުކޮށް ގަދަ ހޫނުގައި ދިރިއުޅެ އަދި މެޗުތައް ކުޅޭ ޓީމުތަކަށް މި ވޯލްޑް ކަޕުގައި ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެއް އޮންނާނެ ކަމަށް ދެކޭ ކަމަށެވެ.

"އެކަމަކު އެންމެ މުހިންމު ކަމަކީ ރަނގަޅަށް ތައްޔާރުވުން. ރަނގަޅަށް ތައްޔާރުވެ، ރަނގަޅަށް ކުޅޭ ޓީމުތަކަށް މި ތަފާތު ކުޑަކުރެވޭނެ. މި ހޫނު ނަގަންވާނީ އަހަރެން ދެކޭ ގޮތުގައި ޕޮޒިޓިވްކޮށް. މިސާލަކަށް ބަލާ ބައެއް އެތްލީޓުން ހޫނުގަދަ މާހައުލުތަކުގައި ތަމްރީނު ހެދުވުމުން އެ މީހުންގެ ޕާފޯމަންސް އެބަ ރަނގަޅުވޭ. ބައެއް ފަހަރު ފިނީގައި އެތްލީޓުންގެ ނަތީޖާ ރަނގަޅު. އެހެންވީމާ އެންމެ މުހިންމު ކަމަކީ ހަށިގަނޑު މާހައުލަށް ހޭނުވުން" އައްބާސީ ބުންޏެވެ.

ހޫނު ގަދަވާނެތީވެ ފީފާއިން ވަނީ 90 މިނިޓް ބަޔަކަށް ހަޔަތު ބަޔަކަށް ބަލާހައިފަ އެވެ. މި ގޮތުން ކޮންމެ ކޮންމެ ހާފެއްގައި ތިން މިނިޓްގެ ކޫލިން ބްރޭކެއް ދޭނެ އެވެ. އަދި ހާފްޓައިމާއި މެޗުގެ ފެށުގެ ކުރިންނާއި ފަހުން ވެސް ކުޅުންތެރިން ހަށިގަނޑު ބެލެންސް ކުރަން ފުރުސަތު ލިބިގެންދާނެ އެވެ. އަދި ދަނޑުގެ ވަށައިގެން ފެންފުޅި ބަހައްޓާނެ އެވެ. ބައެއް ގަޑިތަކުގައި މާބޮޑަށް ހޫނު އަރައިގެންދާތީވެ ފީފާއިން ވަނީ ބައެއް މެޗުތައް ފަށާ ގަޑި ވެސް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ދަނޑަށް ފެންފުޅި އާއި ތުވާލި ފަދަ ތަކެތި ހިފައިގެން ދިއުމަށް އެމެރިކާގެ މޫސުމާއި ސިއްހީ އިދާރާތަކުން ވެސް ވަނީ ލަފާދީފަ އެވެ.

ހޫނުގެ މައްސަލާގައި އެންމެ ގެއްލުން ބޮޑުވާނެ ކަމަށް ގިނަ ބަޔަކު ދެކެނީ ޔޫރަޕުގެ ޓީމުތަކަށެވެ. ނަމަވެސް އެންމެ ފިނި ޖަވާބެއް މިހާތަނަށް ދިނީ އިނގިރޭސި ކެޕްޓަން ހެރީކޭން އެވެ. އޭނާ ބުނީ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވިއްޖެނަމަ ގަދަ ހޫނަކީ އުޒުރަކަށް ވެގެން ނުވާނެ ކަމަށެވެ.