އީރާނާ ދެކޮޅަށް ކުރަމުންދާ ޚަރަދު ބޮޑު ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން، އެމެރިކާގެ އަޕާޗޭ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، މާލީ ގޮތުން އިތުރު ގެއްލުންތަކެއް ލިބިއްޖެއެވެ. ހުރްމުޒް ކަނޑުއޮޅި ސަރަޙައްދަށް އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރެއް ވެއްޓިފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ނިއު ޔޯކް ޓައިމްސްއިން ބުނީ، ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އީރާނުގެ ޙަމަލާއެއްގައި ކަން، މެކޭނިކަލް މައްސަލައެއް ކުރިމަތިވެގެން ކަން ނުވަތަ އެހެން ސަބަބާ ހުރެކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. ޓްރަމްޕް ވިދާޅުވީ، އީރާނުގެ ބާރުގެ ދަށުގައިވާ ކަނޑަށް ވެއްޓުނު އުޅަނދުގައި ތިބި ދެ ޕައިލެޓުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އެ މީހުންގެ ޙާލު ރަނގަޅު ކަމުގައެވެ. ބޭރުގެ މީޑިއާތަކާ ޙަވާލާދީ، ތެހްރާނުން ވެސް ވަނީ އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓިފައިވާ ކަމުގައި ރިޕޯޓުކޮށްފައެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ޓްރަމްޕްގެ އިލްތިމާސަކަށް އީރާނާއި ޔަހޫދީން ބަދަލުކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. ނަމަވެސް، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަށް ޔަހޫދީން އަލުން ޙަމަލާދޭން ފަށައިފި ނަމަ، ރައްދުގައި ޔަހޫދީންގެ ރަށްތަކަށް ޙަމަލާދޭން ފަށާނެ ކަމުގައި ތެހްރާނުން އިންޒާރުދީފައިވާއިރު، ޙިޒްބުالله އިން އިސްވެ ޙަމަލާދީފިނަމަ ބަޔިރޫތަށް ޙަމަލާދޭނެ ކަމުގައި ޔަހޫދީން ވެސް ވަނީ ބުނެފައެވެ. ޖޫން 8 ވަނަ ދުވަހުގެ ކުރިމަތިލުންތަކުގެ ސަބަބުން ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކަށް ހިޔަނިއެޅިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރުކުރި ނަމަވެސް، ކުރިއަށް އޮތް ދޭއް ނުވަތަ ތިން ދުވަހުގެ ތެރޭގައި ފުރިހަމަ އެއްބަސްވުމެއްގައި ސޮއިކުރެވުމުގެ ފުރުޞަތު ބޮޑު ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، ބޮންއަޅައިގެން އީރާން ސުންނާފަތިކޮށްލުމުގެ ޤާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް އޮތް ނަމަވެސް، އޭގެ ސަބަބުން އެތައް މަހަކަށް ކަނޑުއޮޅި ބަންދުވެގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ އީރާނާ ގުޅުވަން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައިނުވާއިރު، ތެހްރާނާއި ވޮޝިންގޓަނުން ވެސް އެ ފަދަ މޭރުމަކުން އެއްޗެއް ބުނެފައެއް ނެތެވެ. އެމެރިކާއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މި ހަނގުރާމަ އަލުން ފަށައިގަތުމަކީ ޓްރަމްޕްގެ ސަރުކާރުގެ މަޞްލަޙަތު ނޫން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އޮޅިގެން ބަދަލުކުރެވުނު ޙަމަލާތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް އެމެރިކާގެ 42 އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ ތެރޭގައި އެފް-15 މަރުކާގެ މަތިންދާބޯޓާއި، އެފް-35 ލައިޓްނިންގ ދޭއް މަރުކާގެ ބޯޓަކާއި، އަސްކަރީ ޑްރޯންތަކުގެ އިތުރުން އެޗްއެޗް-60ޑަބްލިޔު މަރުކާގެ ހެލިކޮޕްޓަރެއް ހިމެނެއެވެ.
ޢާންމު ގޮތެއްގައި އަޕާޗޭ ހެލިކޮޕްޓަރެއްގެ އަގު 50 މިލިޔަނާއި 125 މިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގައި އުޅޭއިރު، އެފް-35އޭ މަރުކާގެ މަތިންދާބޯޓެއްގެ އަގަކީ 110 މިލިޔަން ޑޮލަރެވެ. އަދި އެފް-15 ސްޓްރައިކް އީގަލް މަތިންދާބޯޓެއްގެ އަގު 65 މިލިޔަނާއި 70 މިލިޔަން ޑޮލަރާ ދެމެދުގައި އުޅޭއިރު، މި ހަނގުރާމައިގައި މިހާތަނަށް ހަތަރު އެފް-35 މަތިންދާބޯޓު ވަނީ ހަލާކުވެފައެވެ. މީގެ ތެރެއިން ތިން މަތިންދާބޯޓު ހަލާކުވީ މާރިޗު 2 ގައި ކުވަޔިތު މަތިން އޮޅިގެން ދެވުނު ޙަމަލާތަކެއްގައެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް ހުށަހަޅާފައިވާ ރިޕޯޓެއްގައިވާ ގޮތުން، ހަނގުރާމައިގެ ތެރެއިން ލިބިފައިވާ ގެއްލުންތަކުގެ މަރާމާތަަށް ހިނގާނެ ޚަރަދުގެ އަންދާޒާ ޕެންޓަގަނުން ވަނީ 25 ބިލިޔަނުން 29 ބިލިޔަން ޑޮލަރަށް އިތުރުކޮށްފައެވެ.