ދުނިޔޭގެ އެކި ޤައުމުތަކުން ނިއުކްލިޔަރ ހަތިޔާރަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް އުފުލިފައިވާ ކަމަށް ނިއުކްލިޔަރ ހަތިޔާރާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ދުނިޔޭގައި ނިއުކްލިޔަރ ހަތިޔާރު ގެންގުޅޭ 9 ޤައުމުން، 2025ވަނަ އަހަރުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އިތުރު 16.8 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
މިގޮތުން، ބާކީ ތިބި 8 ޤައުމާ ނުބައްދަލު މިންވަރަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެމެރިކާއިންނެވެ.
އެމެރިކާއިން މިދިޔަ އަހަރުގެ ތެރޭގައި، 69.2 ބިލިއަން އެމެރިކާ ޑޮލަރު ނިއުކްލިޔަރ ހަތިޔާރަށް ހޭދަކޮށްފައިވެއެވެ.
ދެވަނައިގައި އޮތް ޗައިނާއިން ނިއުކްލިޔަރ ހަތިޔާރު އިތުރުކުރުމަށް 13.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު، އިނގިރޭސިވިލާތުން 12.6 ބިލިއަން، ރަޝިޔާ 9.5 ބިލިއަން އަދި ފަރަންސޭސިވިލާތުން 7.7 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުތަކުން ޖުމްލަ 471 ބިލިއަން އެމެރިކާ ޑޮލަރު ނިއުކްލިޔަރ ހަތިޔާރަށް ވަނީ ހޭދަކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ބުނީ، މި ޤައުމުތަކުން ނިއުކްލިޔަރ ހަތިޔާރު އިތުރުކުރަން މި މިންވަރަށް ހޭދަ އިތުރުކޮށްފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައި ތިބި އެތައް މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް މަދުކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.