ތައިލޭންޑުގައި ބާއްވާ އައިޓީޓީއެފް-އޭަޓީޓީޔޫ އޭޝިއަން ޔޫތް ޓީޓީ ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވާން ނިންމާ، ރާއްޖެ ތަމްސީލުކުރާނެ ކުޅުންތެރިން ކަނޑައަޅައިފިއެވެ.
ޖޫން 28 ން ޖުލައި 04 ގެ ނިޔަލަށް ބެންކޮކްގައި ބާއްވާ މި މުބާރާތަށް ރާއްޖޭން އެކުލަވާލާފައިވާ ޒުވާން ޓީމު މިހާރު ފަރިތަކުރުންތައް ފަށާފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ބުނެއެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ 19 އަހަރުން ދަށުގެ ސިންގަލްސް، 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އަދި ޓީމު އިވެންޓާއި 15 އަހަރޔން ދަށުގެ އަންހެން ސިންގަލްސް އަދި ޓީމު އިވެންޓުގައެވެ.
މީގެތެރެއިން 19 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނީ ފާތިމަތު ދީމާ އަލީއެވެ.
15 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓާއި ސިންގަލްސް އިވެންޓުތަކުގައި ވާދަކުރާނީ މުޙައްމަދު ހަލަފް ރާފިއު، އައްޔޫބް އިޒްކާން ސަލީމް، އަހްޔަލް އަލީ ނަޒީރު އަދި އިބްރާހިމް އަޝްއަލް އާސިފެވެ.
15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓާއި ސިންގަލްސް އިވެންޓުތަކުގައި ވާދަކުރާނީ އައިޝަތު އަލްސާ ނާފިޒު، އައިޝަތު މަލާކް ތަސީން، ސާރާ މޫސާ ޖަމީލް އަދި އައިރާ އަބްދުالله ރިފާއުއެވެ.
ޓީޓީއޭއެމުން ބުނީ ޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހަކު ދެ ޝެޝަނަކަށް ކުރިޔަށް ގެންދާ ކަމަށެވެ. އަދި މިފަހަރު ޓީމަށް އިރުޝާދު ދެމުން އަންނަނީ ކޯޗު ހުސެއިން ރަޝީދު ކަމަށާއި އަންހެން އޮފިޝަލެއްގެ ގޮތުން ހަރަކާތްތެރިވަނީ ކޯޗު ޖުމާނާ ނިމާލު ކަމަށެވެ.
ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ވަރުގަދަ އަޒުމާއެކު އޭޝިއަން ޔޫތް ޓީޓީ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޒުވާން ޓީމު ބެންކޮކަށް ފުރުމަށް ހަމަޖެހިފައިވަނީ 26 ޖޫންގައެވެ.
މިއީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ގުޅިގެން ތައިލޭންޑުން ހޯސްޓް ކުރާ މުބާރާތެކެވެ. މުބާރާތުގެ ކުޅުން ކުރިޔަށްދާނީ ބެންކޮކްތޮންބުރީ ހޯލުގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޗައިނާ، ޖަޕާން، ޗައިނީޒް ތައިޕޭ، ވިއެޓްނާމް އަދި ސިންގަޕޫރާއި މެލޭޝިއާ ފަދަ އޭޝިއާގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ވާދަކުރާނެއެވެ.