ޚަބަރު

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާންގެ ރައްދު ޙަމަލާތަކެއް


ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮތް އީރާންގެ ބަނދަރުތަކާއި ރަށްތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ބަޙްރަޔިނާއި، ކުވަޔިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އައިއާރްޖީސީން ބުނީ، ބަޙްރަޔިންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓުގެ މަރުކަޒަށާއި ކުވަޔިތުގެ ޢަލީ އަލް-ސާލިމް ވައިގެ ބަނދަރަށް ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އަދި، އުރުދުންގެ އަޒްރަޤުގައި ހުންނަ ވައިގެ ބަނދަރަކަށް ދުރު-ރާސްތާ މިސައިލް ހަމަލާއެއް ދީ، އެމެރިކާގެ ހަތަރު އަމާޒެއް ސުންނާފަތިކޮށްލާފައިވާނެ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ.

މި ކުރިމަތިލުންތައް ހޫނުވެފައި މި ވަނީ، އެމެރިކާގެ އަޕާޗޭ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓައިލި ކަމުގެ ތުހުމަތު އައިއާރްޖީސީގެ ކޮނޑުގައި އެޅުވުމަށްފަހު، އެމެރިކާ އަސްކަރިއްޔާއިން ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤަޝަމު ޖަޒީރާއަށާއި އީރާނުގެ އައްސޭރިފަށުގެ ބަނދަރުތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. އީރާނުން ވަނީ އެމެރިކާގެ މި ފަދަ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދިނުމަށް އެ ޤައުމުގެ ފައުޖުތައް ފުރިހަމައަށް ތައްޔާރަށް އޮތްކަމުގެ އިންޒާރުދީފައެވެ. މި ހަމަލާތަކާ ގުޅިގެން ބަޙްރަޔިނާއި ކުވަޔިތުގައި އިންޒާރުގެ ރަނގަބީލު އަޅާފައިވާއިރު، އުރުދުންގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވައިލި ފަސް މިސައިލެއް ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައެވެ. މި ކަމާ ގުޅިގެން އެމެރިކާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައި މިވަނީ، އެޕްރީލު މަހު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރި ފަހުން، އީރާނާއި ޔަހޫދީންގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރިތާ އެއް ދުވަސް ފަހުންނެވެ. ހުޅަނގު އޭޝިޔާގެ މަސްރަޙު ހޫނުވެފައި މި ވަނީ، ޞަހްޔޫނީން ރުއްސުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ލޮޅުން އަރައި، ތެލާއި ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އަދި ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އާ ދެކޮޅަށް ކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޖަރީމާތަކާ ގުޅިގެން، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކަށް ވަނީ ހުރަސްއެޅިފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ވޮޝިންގޓަނުގެ ހަމަލާތަކަށް އީރާނުން ދިން އަވަސް ރައްދުން ދޭހަވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ހަރުކަށި ރައްދެއް ދޭންޖެހޭނެ ކަމަށް އީރާނުން ގަބޫލުކުރާ ކަން ކަމުގައެވެ. މަސްރަޙުގެ ޙާލަތަށް ބަލައިލާއިރު، ދެ ފަރާތުން ވެސް ހަނގުރާމަ އިތުރަށް ފުޅާވުމަށް ބޭނުންނުވާ ކަމަށާއި، ދެ ޤައުމުން ވެސް މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދުމަށް އެދޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ނަމަވެސް، މި ފަދަ ހާދިސާތައް ހިނގާ ކޮންމެ ފަހަރަކު، ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ފަނޑުވަމުންދާ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.