ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ހަފްލާގެ ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާ އެކަމުގެ ރަސްމީ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި ކްރޮސްރޯޑްސް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ކޮރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގަރއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ 2026 ދިވެހިރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ކުރީސަފުގައި ރާއްޖެއަށް ލިބިފައިވާ މަޤާމާއި ބައިނަލްއަޤްވާމީ މާކެޓުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ހާމަކޮށްދޭ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ޕްލެޓްފޯމް ދިވެހިރާއްޖެއަށް އަންނައިރު، މީގެ ސަބަބުން އޭޝިއާ، ޕެސިފިކް، އޮސްޓްރޭލޭޝިއާ އަދި އިންޑިއަން އޯޝަން ސަރަޙައްދުގެ މާކެޓްތަކުގެ މުހިންމު ހިއްސާދާރުންނާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބައްޓަންކުރާ މުހިންމު މާކެޓްތައް އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވީއެމްސީން ވިދާޅުވެއެވެ.
ވީއެމްސީން ވިދާޅުވީ މިއީ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޚިދުމަތްތައް އިތުރަށް ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން, އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރަހީމް ޝިއުރީ ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިފަދަ ޝަރަފުވެރި އެވޯޑު ހަފުލާއެއް އަލުން ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޝިއުރީ ވިދާޅުވީ، ބައިނަލްއަގަވާމީ ފެންވަރުގައި މިހާ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ރަސްމިއްޔާތެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ ރަސްމިއްޔާތަކަށްވާއިރު، މިފަދަ ބައިނަލްއަގުވާމީ ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދާފައިވާ މަޤާމު ދެމެހެއްޓުމަށް ލިބިގެންދާ ބޮޑު ބާރެއް ކަމަށް ވީއެމްސީގެ އެމްޑީ ޝިއުރީ ވިދާޅުވިއެވެ.
2026ވަނަ އަހަރުގެ އެވޯޑް ހަފްލާ ރާއްޖެއަށް ގެނައުމުގައި ކްރޮސްރޯޑްސް މޯލްޑިވްސް އާއި ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެއްބާރުލުމާއި ގާތްކަމަށް ވިޒިޓް މޯލްޑިވްސްއިންވަނީ ޝުކުރު އަދާކޮއްފައިއެވެ.
މި ގުޅުމަކީ ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ދާއިރާގެ ހިއްސާދާރުންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަށް ވީއެމްސީން ޤަބޫލުކުރެއެވެ. އަދި މިފަދަ ބައިވެރިވުންތަކަކީ މާކެޓް ފުޅާކުރުމަށާއި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.