ޚަބަރު

ތައިލެންޑު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ


  • ރައީސްގެ މެސެޖުގައި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވި

  • އެކަމަނާގެ ޚިދުމަތްތެރިކަމަކީ އަންނަން އޮތް ޖީލުތަކަށް ލިބޭ ހިތްވަރެއް ކަމަށް ވިދާޅުވި

ތައިލެންޑު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، އެކަމަނާ އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔަކާއެކުގައި ކަމަށެވެ.

އަދި ތައިލޭންޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި، ޚިދުމަތްތަކުގައި ބެހެއްޓެވި ސާބިތުކަމާއި، ޤާނޫނުގެ އިސްލާޙީ ބަދަލުތަކަށް ކުރެއްވި ވަކާލާތުތަކުގެ އަދުލު އިންސާފުގެ ނިޒާމު އިސްލާޙު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ.

އަދި ތައިލޭންޑުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެއްވި ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެކަން ފާހަގަކުރައްވާ ރައީސްގެ މެސެޖުގައި ވިދާޅުވީ، އެކަމަނާގެ ޚިދުމަތްތެރި އަދި ވަފާތެރި ނަމޫނާއަކީ އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައިލޭންޑުގެ ރަސްގެފާނަށާއި، އެޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ.