ކުޅިވަރު

އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު


ބޮސްނިއާ އަތުން 1-1އިން އެއްވަރުވި މެޗުގެ އިންޓަވަލް ގަޑީގައި ކުޅުންތެރިން ގާތުގައި އޭނާ އެދުނީ ފުރަތަމަ ހާފުން ލިބުނު ފިލާވަޅު އަވަސް ދަސްކޮށް، ފަހު ހާފުގައި ކުޅެން ކަމަށް ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނެފި އެވެ.

މެކްސިކޯ އާއި އެމެރިކާއާ ހިއްސާވެގެން އަމިއްލަ ގައުމުގައި ކުޅޭ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގެ ކުރީކޮޅު ބޮސްނިއާ ލީގު ހޯދި އެވެ. ކެނެޑާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނިޓްގައި ލަރީން ޖެހި ގޯލުންނެވެ.

"ފުރަތަމަ ހާފާ މެދު އަހަރެން ހިތްހަމަ ނުޖެހޭ. އަހަރެން ކުޅުންތެރިން ކައިރީގައި ބުނީ މިއީ ފިލާވަޅެކޭ. އެކަމަކު އަވަހަށް މި ފިލާވަޅު ދަސް ކުރަންޖެހެއޭ. އެކަންކޮށްގެން ފަހު ހާފުގައި ކުޅޭށޭ. ދެ ވަނަ ހާފުގައި އަހަރުމެން ފެނުނީ މުޅިން ތަފާތު ޓީމެއްގެ ގޮތުގައި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ވޯލްޑް ކަޕުގެ މި މެޗުން ޕޮއިންޓެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

"އަހަރުމެންގެ އަތުގައި މިހާރު ހުރިހާ ބާރެއް އެބައޮތް ކުރިއަށް އޮތް ދެ މެޗުގައި ބޭނުން ގޮތަކަށް ނަތީޖާ ނެރެން. މިއީ ވަރަށް މުހިންމު ޕޮއިންޓެއް. އަހަރުމެންގެ ސަޕޯޓަރުންނަށް މިހާރު ދިރުން އަތުވެއްޖެ،" ކޯޗު ބުންޏެވެ.

މުބާރާތުގެ ކުރިން ކެނެޑާގެ އެންމެ ބޮޑު މައްސަލައަކީ ގޯލު ނުޖެހުމުގެ މައްސަލަ އެވެ. ނަމަވެސް ކޯޗު ބުނީ ވަގުތު ޖެހުމުން ގޯލު ޖެހޭނެ ކަމަށް އޭނާ ބުންމުންދިޔަ ވާހަކަތައް މިހާރު ހަގީގަތަކަށް ބަދަލުވީ ކަމަށެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ސްވިޒަލޭންޑާއި ގަތަރެވެ.