"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބޮޑު ތަފާތަކުން ތާޖުއްދީން ސްކޫލް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފިއެވެ.
މާފަންނު އެއް ނަންބަރު ޓާފްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ކަލާފާނުން ތާޖުއްދީން ބަލިކޮށްފައި ވަނީ 1-5 ގެ ބޮޑު ތަފާތަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ 5 ވަނަ މިނެޓުގައި ކަލާފާނުން ލީޑުނެގި ނަމަވެސް، ތާޖުއްދީން ސްކޫލުން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ފޯރިގަދަ ކުޅުމަކަށް ފަހު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަލާފާނުން ވަނީ އަލުން ލީޑު ނަގާފައެވެ. އެޓީމުން މި ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މިއާއެކު، ފުރަތަމަ ހާފު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއިން ކަލާފާނު ކުރީގައި އޮވެގެންނެވެ.
ކަލާފާނު ސްކޫލުން ވަނީ މެޗުގެ ދެވަނަ ހާފުގައި އިތުރު 3 ގޯލު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީވެސް ކަލާފާނުންނެވެ.
ތާޖުއްދީން ސްކޫލް ފައިނަލަށް ދިޔައީ ސެމީގައި ހުރަވީ ސްކޫލް، 0-1 ގެ ނަތީޖާއިން ބަލިކުރުމަށްފަހުއެވެ. އަދި ކަލާފާނު ސްކޫލް ފައިނަލަށް ދިޔައީ ސެމީގައި 0-2 ގެ ނަތީޖާއިން ރެހެންދި ސްކޫލް ބަލިކުރުމަށްފަހުއެވެ.