ޚަބަރު

ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް


  • މިކަން ހާމަކޮށްފައިވަނީ ކަސްޓަމްސްއިން ނެރުނު ރިޕޯޓެއްގައި

  • އެންމެ ގިނަ ވަގުތު ހޭދަވަނީ މުދާ ބަރުކޮށް ބޯޓު ފުރާ މަރުހަލާގައި

ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ނަގަނީ 10 ދުވަސްކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ. "ޓައިމް ރިލީޒް ސްޓަޑީ 2025" ރިޕޯޓުގައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ދިރާސާގެ ހޯދުންތައް އާއްމުކޮށްފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަމަށެވެ. މި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓުކަމަށެވެ.

ކަސްޓަމްސްއިން ފާހަގަކުރާ ގޮތުގައި، މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ.

ދިރާސާއިން ދައްކާ ގޮތުގައި، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވެއެވެ.

އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު ހޭދަވާއިރު އޮފް-ޝޯ އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓް ހޭދަވެއެވެ.

މުދާ ބަލައި ފާސްކުރުމުގެ މަރުހަލާއަށްވެސް ގިނަ ވަގުތު ހޭދަވެއެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް އެއް ދުވަހާއި، ނުވަ ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ.

ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް އެއް ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވާއިރު، މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް ދެ ދުވަހާއި، 12 ގަޑިއިރާއި، ތިން މިނެޓު ހޭދަވާކަމަށް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.