އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި 8 ފަޅުވެރިން މަރުވެފައިވާކަމަށް އެމެރިކާގެ ވައިގެ ސިފައިން ބުނެފިއެވެ.
އެ ހާދިސާ ހިނގީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެޑްވަޑްސް އަސްކަރީ ވައިގެ ބަނދަރުން ބީ-52 މަރުކާގެ ބޮން އަޅަން ބޭނުންކުރާ އެ މަތިންދާބޯޓު ނައްޓައިލަން އުޅުމުގެ ތެރޭގައެވެ.
އެ ބޯޓު ނައްޓައިލަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެ، އެ ބޯޓު ގޮވައި އޭގެން ދަތުރުކުރި 8 ފަޅުވެރިން ވެސް މަރުވެފައިވާކަމަށް އެމެރިކާގެ ވައިގެ ސިފައިންގެ ކަރނަލް ޖޭމްސް ހޭޒް ނޫސްވެރިންނަށް ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި ތަމްރީން ހަރަކާތްތަކަށް ބޭނުންކުރާ އެ އަސްކަރީ ވައިގެ ބަނދަރުގައި މި ހާދިސާ ހިނގީ އެ ބޯޓު ވެސް ތަމްރީން ހަރަކާތެއް ހިންގަން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައިނުވާ ކަމަށާއި، އެކަމުގެ ތަޙުޤީޤު މިހާރު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި ވައިގެ ބަނދަރުގެ ރަންވޭއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ވައިގެ ބަނދަރުގެ ހުރިހާ އުދުހުންތައް ވަނީ މެދުކަނޑާލައިފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ބީ-52 މަރުކާގެ މަތިންދާބޯޓަކަށް ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ.
ނަމަވެސް، 2016ވަނަ އަހަރު އެ މަރުކާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި އޭގައި ތިބި 7 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.