މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި މެޗަކީ ކާބޯ ވޭޑޭ ގޮސް ޔޫރަޕުގެ ޗެމްޕިއަން ސްޕޭން އޮބަހައްޓާލުމެވެ. މިނަތީޖާގެ ހުރިހާ ޝުކުރެއްގެ ހައްގު ވެރިއަކީ ހަތް މިލިއަން މީހުންގެ އާބާދީގެ ތެރެއިން ހޮވާލެވިފައިވާ ގޯލްކީޕަރު ވޮޒޭނިޔާ އެވެ. މުޅި މެޗުގައި އޭނާ ދެއްކި ހުށިޔާރު ކަމަށާއި މޮޅު، ހަތް ސޭވާއެކު މިހާރު މުޅި ދުނިޔެ ދައްކަމުން އެދަނީ އޭނާގެ ވާހަކަ އެވެ.
މި ވޮޒޭނިޔާ އަކީ ކާކު ހެއްޔެވެ. މިއީ އޭނާގެ އަސްލު ނަން ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ އެވެ. ވޮޒޭނިޔާގެ ބައްޕަ އަކީ ފުޓްބޯޅަ އަށް ލޯބިކުރި ސިފައިންގެ ބޭކަލެކެވެ. ބައްޕަ އޭނާ އަށް ކިޔަން ބޭނުންވި ނަމަކީ އާޖެންޓީނާގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޖޯޖް ވަލްޑާނޯގެ ނަމެވެ. ކާބޯވޭޑޭގެ ސަރުކާރުން މި ނަން ބަލައި ނުގަތީ އެވެ. ދެވަނަ އަށް ހުށަހެޅި ނަމަކީ ޖޯސެމާރް އެވެ. މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ ފުލްބެކުގެ ނަމެވެ. ވޮޒީނިއާގެ ފުރިހަމަ ނަމަކީ ޖޯސެމާރް ހޯސޭ އެވޯރާ އެވެ.
ފުރިހަމަ ނަން ބާއްވާފައި އޭނާގެ ނަމަކަށް ވޮޒޭނިއާ ހަރުވީ ދެ ކަމަކާ ހެދި އެވެ. ބައްޕަ އަސްކަރިއްޔާގައި އުޅެން ޖެހުނުއިރު މަންމަ އަކީ ދިޔައީ ފޮޅައި ސާފު ކުރުމުގެ ވަޒީފާ އަށެވެ. މިހެންވެ އޭނާ ބަލައި ބޮޑުކުރުމުގެ ހުރިހާ ޒިންމާއެއް ނެގީ މާމަ އާއި ކާފަ އެވެ. ޕޯޗުގީޒް ބަހުން ވޮޒޭނިއާގެ މާނައަކީ މާމަގެ ލޯބިވާ ދަރިފުޅެވެ. ޖެންޒީން ކިޔައިއުޅޭގޮތުން ނަމަ މާމަގެ ޕްރިންސް އެވެ.
ބުނެވޭ ގޮތުގައި ކާބޯވޭޑޭ 1975 ވަނަ އަހަރު މިނިވަންވުމާ ހަމައަށް އެތަނުގައި އުޅުނީ ޕޯޗުގީޒުންނެވެ. ވޮޒީނިއާގެ އާއިލާ ވެސް ގުޅިފައިވަނީ ޕޯޗުގަލްއާ އެވެ. އެމީހުން ކިޔައި އުޅުނު މާމަގެ ޕްރިންސް، ނުވަތަ ވޮޒީނިއާގެ ނަން އޭނާގެ ޖާޒީގައި ހަރުލީ އެންގޯލާގެ ކުލަބަކަށް ބަދަލުވިއިރު އެޓީމުގައި އޭނާގެ އަސްލު ނަން ކިޔާ ކީޕަރަކު ހުރުމުންނެވެ. ޓީމުގެ މެނޭޖްމަންޓުގެ ކިބައިން ވޮޒޭނިޔާ އެދުނީ ޖާޒީގައި ޖޯސެމާރް ދޭއް ޖަހަން ބޭނުންނުވާ ކަމަށާއި އަމިއްލަ ގައުމުގައި ކިޔައި އުޅުނު ވަނަން ޖަހައިދިނުމަށެވެ.
ސްޕޭނާ އެއްވަރު ކުރި މެޗަށް ފަހު ވޮޒޭނިއާގެ ލޮލުން ފޭބީ އުފަލުގެ ކަރުނަ އެވެ. ހިތުތެރޭގައި އުފެދިގަތީ އުފަލާއި ހިތްދަތިކަމުގެ އިހުސާސެވެ. ފުރަތަމަ ސަބަބަކީ އުމުރުން ދެބައިވީ ފަހުން ވޯލްޑް ކަޕުގައި ކުޅެން ފުރުސަތު ލިބި އެވަރުގެ މޮޅު ކުޅުމެއް ދައްކައި ގައުމު އުފާކޮށްދެވުނީތީ އެވެ. ދެ ވަނަ ކަމަކީ މުޅި ދުނިޔެއަށް އޭނާ އިސްތިހާރު ވެގެންދިޔައިރު މާމަ އާއި ކާފަ އަށް އެ މަންޒަރު ބަލަން ނުތިބެވުމުންނެވެ. އެ ދެމީހުން ކިޔާވީ މީގެ އަހަރުތަކެއް ކުރިންނެވެ. ސްޕޭން މެޗަށް އޭނާގެ މަންމަ އެމެރިކާގެ އެޓްލާންޓާ އަށް ގެންދިއުމަށް ވޮޒީނިއާ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަން ހަމަ ނުޖެހުނީ އެމެރިކާގެ ވިސާ ހޯދަން ދައްކަން ޖެހޭ 15000 ޑޮލަރު ހަމަނުކުރެވިގެންނެވެ. ޕޯޗުގަލްގެ ދެ ވަނަ ފަންތީގައި ކުޅޭ ކީޕަރުގެ މަހު މުސާރަ އަކީ މަހަކު ހަތަރު ހާހާއި އަށް ހާހާ ދެމެދުގެ ޔޫރޯ އެވެ. ގިނަވެގެން އޭނާ އަށް އަހަރަކު ލިބެނީ ލައްކައެއްހާ ޑޮލަރެވެ. އަންހެނުންނާއި ދެ ކުދިންގެ ހަރަދު ބަލަހައްޓާފައި މިވަރުގެ ހޭދައެއް ކުރުމުގެ ތަނަވަސްކަން ވޮޒޭނިއާ އަށް ލިބިފައިނުވެ އެވެ.
ނަމަވެސް ސްޕޭން މެޗުގެ ތިން ދުވަސް ކުރިން އޭނާގެ މަންމަ އެވޯރާ ކާބޯވޭޑޭގެ ޓީވީ އަށް ދިން އިންޓަވިއު މިހާރު ވަނީ ވައިގައި ހިފައިފަ އެވެ. މި އިންޓަވިއުގައި އެވޯރާ ބުނީ އޭނާގެ ދަރިފުޅު ހުއްޓައި ގޯލަށް ބޯޅަ ވައްދާލުމަކީ ލާހިކަ ކަމެއް ނޫން ކަމަށެވެ. ފަތުއަޑު ކިޔާފައި މި ފެތުރިގަތީ ސްޕޭން މެޗު އެއްވަރުވުމުންނެވެ.
ކާބާވޯޑޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ވޮޒޭނިއާގެ މަންމަ މެޗު ބަލަން އެމެރިކާ އަށް ދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި އެންމެ ފަހު ވަގުތު އެމެރިކާ ސަރުކާރަށް ދައްކަން ޖެހޭ ޑިޕޮޒިޓް ފައިސާ ހަމަކުރެވުނަސް އެ ގައުމުގެ އެތެރޭގެ ހަރަދު ބޮޑު ކަމުން ވޮޒޭނިއާގެ މަންމަ ނިންމީ 6400 ކީލޯ މީޓަރުގެ މި ދިގު ދަތުރު ނުކުރަން ކަމަށެވެ.
އެކަމަކު މި މައްސަލަ މިހާރު ވަނީ އެމެރިކާގެ ސެނެޓަރުންނާ ހިސާބަށް ވެސް ފޯރައިފަ އެވެ. ހައުސް އޮފް ރެފްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފެރީސް، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްސް މާކޯ ރޫބިއޯގެ އަރިހުން އެދުނީ ކާބޯވޭޑޭ ދެން ކުޅެން ޖެހޭ މެޗުގެ ކުރިން މި މައްލަ ހައްލު ކޮށްދިނުމަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ޖެފެރީސް ވިދާޅުވީ އެއްވެސް މަޔަކަށް އޭނާގެ ލޯބިވާ ދަރިފުޅު ގޮސް ވޯލްޑް ކަޕްގެ ތާރީހު ބަދަލުކޮށްލާއިރު އެމަންޒަރު ބަލާލުމުގެ ފުރުސަތުން މަހުރޫމް ވިޔަދީގެން ނުވާނެ ކަމަށެވެ.
ސްޕޭން މެޗުގެ ކުރިން ވޮޒީނިއާ އަކީ އަހަރުމެން ވެސް ދަންނަ މީހެއް ނޫނެވެ. އެކަމަކު ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް އޭނާގެ ވާހަކަ މީޑިޔާ އަށް ދޫކޮށްލުން ފަދަ ކަންކަމާހުރެ މިހާރު ވޮޒީނިއާގެ ފަސްފަހަތް ބަލާ މީހުންގެ އަދަދު ވަނީ ފަސް މިލިއަން ހުރަސްކޮށްފަ އެވެ. ކޮންފަދަ ބޮޑު ކުރިއެރުމެއް ހެއްޔެވެ. އުމުރުން ދުވަސްވެފައިނުވާނަމަ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވެސް މިހާރު އޭނާ ފަހަތުން ކިޔޫ ހެދީސްކަން ޔަގީނެވެ.