ވޯލްދް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އުޒުބަކިސްތާނާ ދެކޮޅަށް ނުކުންނައިރު ޖެހިލުންވާ އެއްވެސް ޓީމެއް ނެތް ކަމަށް ކޮލޮމްބިއާ ޓީމުން ބުނެފި އެވެ.
ފޯވަޑް ކުއިސް ޑިއާޒް ބުނީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ހަމަހަމަ ކަމަށް ކޮލަމްބިއާ ގަބޫލު ކުރާ ކަމަށެވެ.
"އަހަރުމެން ވަކި ޓީއްމ މާމޮޅާ ކިޔާފައި ނޫޅޭނަން. މި މުބާރާތުގައި ހުރިހާ ޓީމެއް ހަމަހަމަ ވާނެ. ތަފާތު ފެންނާނީ ދަނޑުމަތީގައި ކުރާ މަސައްކަތުން. އަހަރުމެން މިތިބީ އެކަން ކުރަން ތައްޔާރަށް،" ޑިއާޒް ބުންޏެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ކުޅުންތެރިޔާ ބުނީ ކޮލޮމްބިއާ އަށް އެންމެ ފަހުން ކުޅުނު ގިނަ ވޯލްޑް ކަޕްތަކުގައި އެކަށީގެންވާ ކާމިޔާބީއެއް ނުލިބުނު ނަމަވެސް މި ފަހަރުގެ ޓީމަކީ އެކަންކަން ބަދަލު ކުރެވިދާނެ ހުނަރު ހުރި ޓީމެއް ކަމަށެވެ.
"އަހަރުމެން ޓީމު މިވަނީ ވަރަށް ގިނަ ގޮތްގޮތުން ތައްޔާރުވެފައި. ޓީމުގެ އެންމެން ވެސް ވަރަށް ޑިސިޕްލިން. ކޯޗުގެ އަމާޒަކީ އަހަރުމެން ލައްވައި ނަތީޖާ ނެރުން. އެކަމަކު އަހަރުމެންގެ ޑިފެންސާ އެއްވަރަށް އެޓޭކަށް ވެސް އިސްކަންދޭން ޖެހޭނެ،" ޑިއާޒް ބުންޏެވެ.
އުކުބަކިސްތާނުގެ ކޯޗު ފަބިއާ ކަނަވާރޯ ބުނީ އޭނާގެ ގައުމު އަލަށް ވޯލްޑް ކަޕަށް ކުރިމަތިލާއިރު ހީނުކުރާ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"އަހަރުމެން އެންމެ ބޮޑަށް ހިތްވަރު ހޯދާނީ އޭޝިޔާގެ ޓީމުތައް ނެރެމުންދާ ނަތީޖާތަކުން. ވޯލްޑް ކަޕަކީ ވަރަށް ހާއްސަ މުބާރާތެއް. މި މުބާރާތުގައި ކުޅުމަކީ އެންމެނަށް ލިބޭ ފުރުސަތެއް ނޫން. އެހެންވީމާ ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ. އަހަރުމެން މި ތިބީ އެގޮތަށް ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ގިނަ ޓީމުތައް ބައިވެރި ކޮށްގެން ކުޅޭ ވޯލްޑް ކަޕެވެ.