އިނގިރޭސިންނާ ދެކޮޅަށް ވޯލްޑް ކަޕުގެ ފުރަތަމަ މެޗު ކުޅެން ޖެހުމަކީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކް ބުނެފި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ ކޮންމެ މުބާރާތެއްގެ ވެސް ފުރަތަމަ މެޗަކީ އުނދަގޫ މެޗެއް ކަމަށެވެ.
"އަހަރުމެން ޔޫރޯ 2024ގައި ފުރަތަމަ މެޗުގައި ބަލިވީ ސްޕޭން އަތުން 3-0އިން. ދެން އަރައި ނުގަނެވުނު. އެކަމަކު އެގެ ކުރިން 2018ގެ ވޯލްޑް ކަޕުގައި ނައިޖީރި ބަލިކުރެވުނު އަދި 2022ގައޮ މޮރޮކޯއާ އެއްވަރު ކުރެވުނު. އެހެންވީމާ މިތަނުން ވަކި ގޮތެއް ރަނގަޅޭ ބުނެވޭކަށް ނެތް. އަހަރެންނަށް ފެންނަނީ ފުރަތަމަ މެޗު ވަރަށް މުހިންމުވާކަން. ފުރަތަމަ މެޗުން މުޅި ޕްލޭން ގޯސް ވެދާނެ،" ކޯޗު ބުންޏެވެ.
2018 ވަނަ އަހަރު ކްރޮއޭޝިޔާ ގޮވައިގެން ފައިނަލަ އަށް އަދި އެންމެ ފަހުގެ ވޯލްޑް ކަޕުގައި ތިން ވަނަ ހޯދައިދިން ކޯޗު ބުނީ އޭނާގެ ޓީމު މި މެޗަށް ނުކުންނައިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ސީނިއާ ބައެއް ކުޅުންތެރިނަށް ހާނިއްކަވެ ދުވަސްގަނޑަކު ނުކުޅެ ތިބުން ކަމަށެވެ.
"ހާއްސަކޮށް ކޮވަސިޗް. އަހަރުމެންނަށް މިވަނީ އޭނާގެ ބެނުން ޖެހިފައި. އޭނާ މި ސީޒަނުގައި އުޅުނީ ތަންކޮޅެއް ދަތިކޮށް. މޮޑްރިޗް ވެސް އެހުރީ އަނިޔާވުމުން ވަރަށް ގިނަ ދުވަހު ނުކުޅެ. މީގެ އަސަރު ގޯސްވިޔަ ނުދިނުމަށް އަހަރުމެން މަސައްކަތް ކުރާނަން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އިނގިރޭސިންނަކީ ވަރަށް ހަލުވި މޮޅު ޓީމެއް ކަމަށާއި އެ މީހުން ހުއްޓުވަން ވަރަށް ބޮޑަށް ރާވަން ޖެހޭނެ ކަމަށެވެ.
މި މެޗަށް ނުކުންނައރު އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އޭނާގެ ފުރަތަމަ 11 ހޮވުމެވެ. ސަބަބަކީ އަނިޔާގެ ސަބަބުން ޓީމުގެ ފަހަތް އެންމެ ފަހުތު ވެސް ބަދަލު ކުރަން ޖެހުމެވެ.
"މި ވޯލްޑް ކަޕަކީ ވަރަށް އުނދަގޫ މުބާރާތަކަށް ވާނެ. ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް. އަހަރުމެން ވެސް މަސައްކަތް ކުރާނީ އެ ގޮތަށް. ޓީމު ވަނީ ތައްޔާރުވެފައި،" ޓުޗެލް ބުންޏެވެ.
މި މެޗަށް ނުކުންނައިރު އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާ އަށް މިހާރު ކުޅެވޭނެ ކަމަށް ވެސް ކޯޗު ބުންޏެވެ.