ދިވެހި ލީގު 2026/27 ގެ ކޮލިފިކޭޝަންގައި ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ.ހުރާ ބަލިކޮށް، ނޯތު ރީޖަންގެ ޗެމްޕިއަން ހއ.ދިއްދޫ، ދިވެހި ލީގުގެ ޖާގައަކާ ގާތަށް ޖެހިލައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ދިއްދޫ މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
މެޗުގެ 3 ވަނަ މިނެޓުގައި ހުރާގެ ކީޕަރު، ދިއްދޫގެ ސެއިންޓް ޑަންޖޫމާ ގުމްބާރީއަށް ކުރި ފައުލަކާ ގުޅިގެން ދިއްދޫއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލަށް ވައްދާލައިގެން ދިއްދޫގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބެންރާޑް ންވަބުއީސީއެވެ. މެޗުގެ 12 ވަނަ މިނެޓުގައި ދިއްދޫގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އެނާއެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުރާ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް، މެޗުގެ ފަރަގު ކުޑަކޮށްފައެވެ. ދިއްދޫ ކުޅުންތެރިން ކައިރިން ނައްޓާފަ އޭރިއާ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުން، އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ހުރާއަށް މި ގޯލު ކާމިޔާބުކޮށްދިނީ ސާދު ޢަބްދުލް ޢަޒީޒް އިބްރާހީމެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލުތަކެއް ޖަހާނެ ފުރުސަތު، ދެޓީމަށްވެސް ވަނީ ލިބި، ބޭކާރުވެފައެވެ.
ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، ދިއްދޫ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ކުޑަ ތަންކޮޅެއް ބޭރުން ހުރާގެ ސާދަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާފައިވަނީ ދިއްދޫގެ ޖެރީއަށެވެ.
ހުރާ ޓީމަށް މިކަމުގެ ފައިދާ ނެގޭ ގޮތެއް ނުވިއެވެ. މެޗު ނިމެން ދަނިކޮށް ނަތީޖާ އެއްވަރުކުރަން ހުރާގެ މުޙައްމަދު ތަސްމީނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ސީދާ ދިއްދޫ ކީޕަރު އަތަށެވެ.
ހުރާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާ ނަގައިގެން ދިއްދޫ ޓީމުން ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށް، ބެންރާޑް ންވަބުއީސީ ވަނީ އޭނާގެ ހެޓް-ޓްރިކް ފުރިހަމަކޮށްފައެވެ.
މި ނަތީޖާއާއެކު ދިއްދޫ ކުޅުނު 3 މެޗުން އެޓީމަށް ވަނީ 6 ޕޮއިންޓު ލިބިފައެވެ. ފުރަތަމަ މެޗުގައި ދެކުނުގެ ޗެމްޕިއަން ގދ.ގައްދޫއާ ވާދަކޮށް ދިއްދޫއިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި ދިވެހި ލީގުގެ މިދިޔަ ސީޒަންގެ 7 ވަނަ، ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗުން ދިއްދޫ ބަލިވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.