ޚަބަރު

ހުޅުމާލެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓް ހަދަނީ


  • ހާދިސާ ހިނގީ ރޭ ފަތިހު 4:32 ހާއިރު

  • 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވޭ

ހުޅުމާލެ 141 ވަނަ ފްލެޓްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވެއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން އެންޑީއެމްއޭ އިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަތަކުގެ މައުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރައްވަމުން، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އުސޫލާއި އެއްގޮތަށް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެތަނަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، އެތަނަށް ލިބިފައިވާ މާލީ ގެއްލުންތަކުގެ ތަފްސީލްތައް ދެނެގަނެވޭނީ އެ އެސެސްމެންޓް ނިމުމުން ކަމަށެވެ. އެހެންނަމަވެސް އެ އެޕާޓްމެންޓުގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާކަން ހިސާން ފާހަގަކުރެއްވިއެވެ.

މި ހާދިސާ ހިނގިތަނުގައި ދިރިއުޅުނު އާއިލާ އަށް އެންޑީއެމްއޭ އިން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ އާއިލާގައި ޖުމްލަ 6 މީހުން ހިމެނެއެވެ. ހިސާން ވިދާޅުވީ އެންޑީއެމްއޭގެ އެސެސްމެންޓް ނިމުމުން، ހާލަތަށް ރިއާޔަތްކުރުމަށް ފަހު، އުސޫލުގައި ބުނާ މުއްދަތަށް އެ އާއިލާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 4:32 ހާއިރު ކަމަށާއި، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ހާއިރު ކަމަށެވެ. މިހާތަނަށް އެ އިދާރާ އިން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުން، މި ހާދިސާ ހިނގަން މެދުވެރިވީ، ހުޅުމާލެ 141 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޖަގެއްގައި އަލިފާން ރޯވެގެންނެވެ.

އެ ގޭގައި ދިރިއުޅުނު 6 މީހުންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިހާދިސާ އާއި ގުޅިގެން މީހަކަށް އަނިޔާވެފައި ނުވެއެވެ.