ހުޅަނގު އައްސޭރީގެ އަލް ޚަލީލް ސިޓީގެ މުނިސިޕަލް އިދާރީ ބާރުތައް ޔަހޫދީންގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަން ޔަހޫދީ ދައުލަތުގެ ހަރުކަށި މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް އިޢުލާނު ކޮށްފިއެވެ.
މި ފިޔަވަޅުގެ ސަބަބުން، ހުޅަނގު އައްސޭރީގައި ހުންނަ އިބްރާޙިމީ މިސްކިތް ހިމެނޭ މުޤައްދަސް ސަރަހައްދުތަކުގައި ފަލަސްޠީނުގެ މުނިސިޕަލްޓީއަށް ލިބިފައިވާ އިދާރީ ބާރުތައް ގެއްލި، އެތަނުގެ ބާރު މިހާރު ވަނީ ޔަހޫދީންގެ ހަރުކަށި ފިކުރުގެ ކޮމިޓީއަކަށް ބަދަލުކޮށްފަ އެވެ.
މިއީ 1997ވަނަ އަހަރު ސޮއިކުރި "ހެބްރޯން އެއްބަސްވުމާ" ޚިލާފަށް، ޔަހޫދީން ނިންމި ހުދުމުހުތާރު ނިންމުމެއް ކަމަށް ފަލަސްޠީނުން ސިފަކުރެއެވެ.
މިކަމާ ގުޅިގެން ފަލަސްޠީނު އޮތޯރިޓީން ވަނީ މި ނިންމުމަކީ އަލް ޚަލީލްގެ ޤާނޫނީ އަދި ސިޔާސީ ހައިސިއްޔަތަށް ދިން ސީދާ ހަމަލާއެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުއާޙަދާތަކާ ޚިލާފު، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ އުއްމީދަށް ހުރަސްއެޅުމަށް ޔަހޫދީން ކުރާ ކަމެއް ކަމަށެވެ.
އަލް ޚަލީލްގެ މޭޔަރު ޔޫޞުފް އަލް ޖަބާރީ ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ލިބޭ މުނިސިޕަލް ޚިދުމަތްތަކާއި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
އަދި މިފަދަ ޙާލަތެއްގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން، ޚާއްޞަކޮށް އެމެރިކާއިން ޔަހޫދީންނާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވިއެވެ.
މި ނިންމުމަކީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އިދާރީ އިންތިޒާމުތައް ބަދަލުކޮށް، ޤަވާއިދާ ޚިލާފަށް އާބާދުވެފައިވާ ސަރަޙައްދުތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީ ދައުލަތުން ހިންގާ ޖަރީމާތަކުގެ ބައެކެވެ.
ފަލަސްޠީނުގެ ރައްޔިތުން ދެކޭ ގޮތުގައި މިއީ އެ ސަރަޙައްދުތައް އެއްކޮށް ހިފުމަށް ޔަހޫދީން ރާވާ ރޭވުމެކެވެ.