ޚަބަރު

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފި


  • ދެ ސައިޒެއްގެ 4 ކާރު ޚިދުމަތް ދިނުމަށް ބޭނުންކުރާނެ

  • ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް

މާލޭ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފިއެވެ.

ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

މާލޭ ޓެކްސީލައިންގެ ޚިދުމަތަކީ، މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލަ އަށް ހައްލެއް ހޯދާދެއްވުމުގެ މަގްސަދުގައި، ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު، ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ. ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ އެކަމަށް ޚާއްސަކޮށް ގެނެސްފައިވާ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ބޭނުންކޮށްގެންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ-އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

އެމްޓީސީސީގެ އެމްޑީ ސައުދީ ވިދަޅުވީ، މި ޚިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށެވެ. މާލޭ ޓެކްސީ ލައިނަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން '1655' އަށް ގުޅައިގެން ފޯނުގެ ޒަރީއާއިން، ޓެކްސީގެ ޚިދުމަތަށް އެދެވޭނެކަމަށް ވެސް ސައުދީ ވިދާޅުވިއެވެ.

މީގެ އިތުރުން، ހަނި ގޯޅިތަކަށް ބައެއް އުޅަނދުތަކަށް ނުވަދެވެމަކީ ވިލިމާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް ފާހަގަކުރައްވާ ސައުދު ވިދާޅުވީ ވިލިމާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށާފައި ވަނީ އެކަމަށް ހައްލު ލިބޭ ފަދަ އިންތިޒާމްތަކަކާއި އެކުގައި ކަމަށެވެ.

"މި ޚިދުމަތް ކުރިއަށް ދިޔަޔަސް ބަހުގެ ޚިދުމަތް ކުރިއަށް ދާނެ. ބަހުގެ ޚިދުމަތް ދޭ އިރު ބަހަށް ނުވަދެވޭ ހަނި ގޯޅިތަކަށް. ބަސް ކުޑަ ކުރެވޭކަށް ނެތް. އެހެންވީމަ މިއާއި އެކު ލުއިތަކެއް ލިބޭނެ." ސައުދީ ވިދާޅުވިއެވެ.

24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބޭ ގޮތަށް ކުރިއަށްގެންދާ މާލޭ ޓެކްސީލައިންގެ ޚިދުމަތް މާލެ އާއި ހުޅުމާލޭގައި، ފަށާފައިވަނީ އެޕްރިލް މަހުގެ 2ވަނަ ދުވަހުގައެވެ.