ޚަބަރު

ރާއްޖޭގެ ފުޓުބޯޅައިގެ "ލެޖެންޑުން"ގެ އަގުވަޒަންކޮށް، ހާއްސަ ހަދިޔާއެއް


  • ހަދިޔާއަކަށް އަރުވާފައިވަނީ ރައީސް ޑރ.މުޢިއްޒު ސޮއިކުރައްވާފައިވާ "ޓްރިއޮންޑާ" ބޯޅައެއް

  • މިރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރުގެ އިތުރުން އެމްއޭޑަބްލިއުސީގެ ސީއޯއޯ ބައިވެރިވެވަޑައިގެންނެވި

ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ދިގު ތާރީޚުގައި އެކި ގޮތްގޮތުން ފުޓުބޯޅައަށް ޚިދުމަތްކޮށްދީފައިވާ، ރާއްޖޭގެ ފުޓުބޯޅައިގެ "ލެޖެންޑުން"ގެ ގޮތުގައި ގުނާލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ހާއްސަ ހަދިޔާއެއް އަރުވައިފިއެވެ.

މިކަމަށްޓަކައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި މޯލްޑިވްސް އެއިރޭޓަޑް ވޯޓަރ ކޮމްޕެނީ ލިމިޓެޑް (އެމްއޭޑަބްލިއުސީ) ގުޅިގެން ހޮޓެލް ޖެންގެ ބޯލްރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެފަރާތްތަކަށް ހަދިޔާ ހަވާލުކޮށްދެއްވާފައިވަނީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން އެމްއޭޑަބްލިއުސީގެ ސީއޯއޯ، މިލިންދު ދެރަސާރީއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރާއި އެމްއޭޑަބްލިއުސީގެ ސީއޯއޯގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމަނިއަމް އާއި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ބައިވެރިވެވަޑައިގަތެވެ.

ދިވެހި ފުޓުބޯޅައިގެ ލެޖެންޑުންގެ އަގު ވަޒަންކުރުމުގެ އިތުރުން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި މި ރަސްމިއްޔާތުގައި ހަދިޔާއެއްގެ ގޮތުގައި އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ "ޓްރިއޮންޑާ" ބޯޅައެކެވެ. މިކަމުން ދޭހަކޮށްދެނީ، ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް އެމަނިކުފާނު ދެއްވާ އެއްބާރުލުންކަމަށް، އެމްއޭޑަބްލިއުސީގެ ސީއޯއޯގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އަގުވަޒަންކޮށްފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި، ރާއްޖޭގެ ދެ ސެންޗޫރިއަނުން ކަމަށްވާ ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި ޢިމްރާން މުޙައްމަދު (އިންމަ) ގެ އިތުރުން 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނު ގޯލު ޖަހައިދިން ކުޅުންތެރިޔާ، މުޚްތާރު ނަޞީރު (ޓޫކިލޯ) ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، އަޅުގަނޑުމެންނާ ވަކިވެގޮސްފައިވާ ދެ ލެޖެންޑުން ކަމަށްވާ ޢަލީ ޢާރިފް (ބަކާ) އަދި އިޙްސާން ޢަބްދުލް ޣަނީ (ސާންތި) ގެ ހަނދާނުގައި އެފަރާތްތަކުގެ ޢާއިލާތަކަށްވެސް ހަދިޔާ ދީފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ، ރާއްޖޭގެ ފުޓުބޯޅަ މިހާ ހިސާބަށް ގެނެސްދިން ފަރާތްތަކުގެ އަގުވަޒަންކުރުމަކީ، ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވާ، އަންނަން އޮތް ޖީލުތަކަށް މި ފޯރީގައި ފުޓުބޯޅަ ގެންގޮސްދިނުމަށްޓަކައި ކުރުން ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.