ޚަބަރު

ޔޫއޭއީގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި


އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން 15 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކޮށްފިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން ކުޑަކުދިންނަށް އޮންލައިން ޕްލެޓްފޯމްތަކުގެ ނޭދެވޭ އަސަރުތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ޔޫއޭއީއަކީ ކުޑަކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުމުގައި މިފަދަ ހުރަސްތަކެއް ތަޢާރަފްކުރި ފުރަތަމަ އަރަބި ޤައުމެވެ.

މިއަދު ފާސްކުރި ޤަރާރެއްގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގައި އަމިއްލަ އެކައުންޓްތައް ހުޅުވުމާއި، ބޭނުންކުރުމާއި، ހިންގުން މަނާވާނެއެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި، މި ފިޔަވަޅުގެ މާނައަކީ އެ އުމުރުފުރައިން ދަށުންގެ ކުދިން ސޯޝަލް މީޑިޔާ ކޮންޓެންޓް ޕޯސްޓްކުރުމާއި، ކޮމެންޓްކުރުމާއި، ޝެއާކުރުން ނުވަތަ އާންމު ގްރޫޕްތަކާ ގުޅުމުގެ ފުރުޞަތު ބަންދުވުމެވެ.

އުމުރުން 15 އަހަރާއި 16 އަހަރުގެ ފުރާވަރުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ޙުއްދަ ދޭއިރުވެސް، އުމުރާ ގުޅޭ ކޮންޓެންޓް ކޮންޓްރޯލްތަކާއި، ނުދަންނަ ޔޫޒަރުންނާ މުޢާމަލާތް ނުކުރުމާއި، ސްކްރީން ޓައިމް މެނޭޖްމަންޓާއި، އަދި ބެލެނިވެރިންނަށް ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރާ ގޮތް ބެލޭނެ މަފުފަހިކުރުން ހިމެނޭ ގޮތަށް ޚާއްސަ ޤަވާއިދުތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދު ޔޫއޭއީގައި ހިންގާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވެސް ހިނގާނެއެވެ. ކުންފުނިތަކުން ޑިޖިޓަލް އައިޑެންޓިޓީ ޗެކްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސަޕޯޓްކުރާ ޓެކްނޮލޮޖީތައް ހިމެނޭ ގޮތަށް އުމުރު ޔަޤީންކުރުމުގެ ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހެއެވެ.

އަދި 15 އަހަރުން ދަށުގެ ކުދިން ހުޅުވާ އެކައުންޓްތައް މަނާކޮށް، އުމުރު ޔަޤީންކުރުމުގެ ނިޒާމުތައް ފޫއަޅުވައިލުން ހުއްޓުވުމާއި، އިޝްތިހާރު ފަދަ ކަންކަމަށް ކުޑަކުދިންގެ އެކައުންޓުތަކުގެ ޒާތީ މަޢުލޫމާތު ބޭނުންކުރުން ހުއްޓައިލަންޖެހެއެވެ.

ސަރުކާރުން ބުނީ މި ފިޔަވަޅުތައް ފަރުމާކޮށްފައިވަނީ ސޯޝަލް މީޑިޔާގެ ނުރައްކާތަކަށް ކުޑަކުދިން ހުށަހެޅުމާ މެދު އޮތް ކަންބޮޑުވުންތައް ޙައްލުކުރުމަށް ކަމަށެވެ. ސޯޝަލް މީޑިއާ ކުންފުނިތަކަށް މި އައި ޤަވާއިދުތަކަށް އަމަލު ކުރުމަށް 12 މަހުގެ މުއްދަތެއް ލިބޭނެއެވެ.

ޔޫއޭއީން ބުނީ މި އޮނިގަނޑަކީ ޑިޖިޓަލް އެކްސެސް އާއި ސަލާމަތްތެރިކަން ހަމަހަމަކުރާއިރު ކުޑަކުދިން ރައްކާތެރިކޮށްދޭ ނިޒާމުތައް ހަރުދަނާ ކުރުމަށް ބައިނަލްއަޤުވާމީ މަސައްކަތްތަކާ ގުޅޭ އޮނިގަނޑެއް ކަމަށެވެ. ނަފްސާނީ ސިއްޙަތާއި އޮންލައިން ސަލާމަތަށް ސޯޝަލް މީޑިއާއިން ކުރާ އަސަރުތަކާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ގިނަ ޤައުމުތައް ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން ވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ހުރަސްތައް ހަރުކަށިކޮށްފައެވެ.