ޚަބަރު

ކަނޑުތަކުގެ ދުވަހަށް، "މޫދު ފެސްޓް"ގެ ނަމުގައި ހަރަކާތެއް


  • ހަވީރު ވޯޓަރސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވޭ

  • ފުރަތަމަ ދަންފަޅީގައި ކުދިންނަށް ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައިވޭ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން "މޫދު ފެސްޓް 2026"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިހަރަކާތް ފަށްޓަވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

" މޫދު ފެސްޓް 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑުތަކަކީ ދިވެހީންގެ އާދަކާދައާއި، ސަޤާފަތާއި ގުޅިފައިވާ އެއްޗެއްކަމަށެވެ. އެހެންކަމުން ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ.

" ކަނޑަކީ ސަގާފަތާއި އާދަކާދައާއި އަދި އަޅުގަނޑުމެންގެ ދިރިއުޅުން އެ ވަސީލަތެއްގެ މައްޗަށް ބަރޯސއާވެފަ އޮންނަ ވަސީލަތެއް. އެހެންކަމުން މި ވަސީލަތް ހިމާޔަތްކޮށް ރައްކާތެރިކޮށް އަންނަންއޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެއްވުމަކީ އެންމެންގެވެސް ޒިންމާއެއް". ވަޒީރު ވިދާޅުވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ދަންފަޅީގައި، ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށާއި، ދެވަނަ ދަންފަޅީގައި ކުރިއަށްދާނީ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައްކަމަށެވެ.

" މިއަދު މިހާރު ކުރިއަށްގެންދަނީ އަޅުގަނޑުމެންގެ ޑިސްކަވަރ ޑައިވް. އެއީ ކުދިންނަށް ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލުމަށް ބާއްވާ ހަރަކާތެއް. މީގެއިތުރުން މުރަކަ އިންދުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައެބަވޭ. ދެން ހަވީރު 3-6އަށް ސްޓޯލްތަކާއެކު ވޯޓަރސްޕޯޓްސްގެ ހަރަކާތްތަކެއް މި ފެސްޓްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވޭ". ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އެގޮތުން މިމަހުގެ 19ވަނަ ދުވަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަރުމަސް މުބާރާތެއްވެސް ބާއްވާފައިވެއެވެ.